ޕީއެންއެފްގެ މުޒާހަރާއިން 3 މީހުން ހައްޔަރުކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަމިއްލަފުޅު ޕާޓީ، ޕީއެންއެޕްގެ އާއްމު މެންބަރުން ސިލްސިލާކޮށް ކުރަމުންދާ މުޒާރާއިން މިރޭ ތިން މީހުން ހައްޔަރުކޮށްފިއެވެ. ޕިއެންއެފުން ބުނި ގޮތުގައި ޕީއެންއެފްގެ އާއްމު މެންބަރުން މިރޭ ކުރި މުޒާހަރާގައި، ޑރ. އަބްދުﷲ އިބްރާހީމާއި، އިރުޝާދުގެ އިތުރުން އަންހެނަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ ޕާޓީން ވަނީ އެ ތިން އާއްމު މެންބަރުން ވެސް ދޫކޮށްލުމަށް ގޮވާލައިފައެވެ. ހަމައެއާއެކު ޕީއެންއެފް ސަޕޯޓަރުންގެ ޕިކަޕު ވެސް ފުލުހުން ވަނީ މިރޭގެ މުޒާހަރާގެ ތެރެއިން ގެންގޮސްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ތަކުރާރުކޮށް ޚިލާފުވަމުންދާތީ ކަމަށް ބުނެ، ޕީއެންއެފް، އެއް ލައްކަ ރުފިޔާއިން އިލެކްޝަންސް ކޮމިޝަނުން ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ. އެ ކޮމިޝަނުން ހޯމަ ދުވަހު ޕީއެންއެފްގެ ރައީސް ޔާމީނަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި ބުނެފައިވާ ގޮތުގައި، އެ ޕާޓީން ދަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ބޭރުން ސިލްސިލާކޮށް އެކިއެކި ހަރަކާތްތައް ހިންގަމުންނެވެ. މިގޮތުން އެހެން ސިޔާސީ ޕާޓީތަކުން ބާއްވާ ބައްދަލުވުންތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމާއި، އެފަދަ ބައްދަލުވުންތައް ކުރިއަށްދާ ވަގުތުތަކާ ދިމާކޮށް އެ ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގުން ހިމެނޭ ކަމަށް ކޮމިޝަނުން ބުނެއެވެ. https://sun.mv/221826 މި ޖޫރިމަނާގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީއެންއެފްއަށް އިތުރު އިންޒާރެއްވެސް ދީފައެވެ. އެގޮތުން، އެ ޕާޓީން ނުވަތަ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ގާނޫނާ ޚިލާފު އަމަލުތައް ތަކުރާރުކުރާނަމަ، އެ ފަރާތްތަކާމެދު އިތުރު ގާނޫނީ ފިޔަވަޅުތައް އަޅާނެކަން ކޮމިޝަނުން ވަނީ އަންގާފައެވެ. މިކަމާ ގުޅޭގޮތުން ޕީއެންއެފްއިން ބުނީ ކޮމިޝަނުން އެ ޕާޓީއާ މެދު ފިޔަވަޅު އަޅާފައި މިވަނީ އެ ޕާޓީއާ ގުޅުން ނެތް ކަމެއްގައި ކަމަށެވެ. އަދި މިއީ މިނިވަން މުއައްސަސާތަކުން އަމަލު ކުރަން ޖެހޭ މިންގަނޑުތަކުގެ ބޭރުން ސަރުކާރުގެ ނުފޫޒުގެ މައްޗަށް ބިނާކޮށް އަމަލުކޮށްފައިވާ ގޮތެއް ކަމަށް ވެސް ޕީއެންއެފްއިން ބުންޏެވެ. ޓައުން ހޯލް ޖަލްސާތައް ފިޔަވާ އެހެން ސިޔާސީ ހަރަކާތެއް ޕީއެންއެފްއިން ކުރިއަށް ނުގެންދާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ