މޫސުމަށް ބަދަލެއް ނާދޭ: ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސް!

މޫސުމަށް ބަދަލެއް ނާންނަ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ބުދަ ދުވަހާ ހަމައަށް ކުރިއަށް މި އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަކުރާނެއެވެ. އަދި ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމަކީވެސް އެކަށިގެންވާ ކަމަކެވެ.
"ވީނިއުސް" އާ ވާހަކަދައްކަވަމުން މެޓް އޮފީހުގެ މީޓްރޮލޮޖިސްޓަކު ވިދާޅުވީ، މޫސުން އެންމެ ގޯސްވާނެކަމަށް ބެލެވެނީ މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅު ތަކަށް ކަމަށެވެ. އަދި ބުދަ ދުވަހުން ފެށިގެން މޫސުން އަލިވާނެކަމަށް ލަފާކުރެވޭކަން ފާހަގަކުރެއްވިއެވެ.
ބުދަ ދުވަހާއި ހަމައަށް އާންމު ގޮތެއްގައި މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިގެ ބާރުމިން އުޅޭނެކަމަށް ލަފާކުރެވެނީ ގަޑިއަކު 15 މޭލާއި 24 މޭލާ ދެމެދުގައެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށިގެންވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ އިރު، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބެލެވެއެވެ. ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
އާންމު ގޮތެއްގައި ރާއްޖޭގެ ކަނޑުތައް ގަވަވާނެ ކަމަށް ބެލެވޭއިރު ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ދެ މޫސުން ބެދޭ ދުވަސްވަރުގައި ކުރާ ވިއްސާރައެވެ.
އެހެންކަމުން މެޓްގެ އިތުރުުން ދިވެހި ފުލުހުންނާއި ސިފައިންވެސް ވަނީ ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ދަތުރަކަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ކަނޑުގަދަ ނަމަ ދަތުރުނުކުރުމަށްވެސް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.
ކޮންމެ ދުވަހެއްގެ މޫސުމާބެހޭ މަޢުލޫމާތުތައް އާއްމުންނާ ހަމައަށް ތާޒާކޮށް ގެނެސްދިނުމަށް މެޓް އޮފީހުން މުހިންމު މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މޫސުމީ މަޢުލޫމާތު ގެނެސްދިނުމަށް މެޓް އޮފީހުގައި ސްޓޫޑިއޯއެއް ހަދާ، އެ މަޢުލޫމަތު ވީޑިއޯ ހިމެނޭހެން މީޑިއާތަކަށް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ކޮމިއުނިޓީ ވައިބަރ ގްރޫޕާ އަދި ވެބްސައިޓް މެދުވެރިކޮށް މި މަޢުލޫމާތުތައް އަބަދުވެސް ދަނީ އަޕްޑޭޓްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ