ބަޖެޓު ކުރެވިފައި ނުވާ އެއްވެސް މަގާމަކަށް މީހަކު ނުނަގާނެ: ސަރުކާރު

ދައުލަތުގެ ބަޖެޓުގައި ނުހިމެނޭ މަގާމުތަކަށް އެއްވެސް މީހަކު ސަރުކާރުން އައްޔަނު ނުކުރާނެ ކަމަށާއި، މަސައްކަތެއް ނެތް ސިޔާސީ މުވައްޒަފެއް ނުހުންނާނެ ކަމަށް، ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން މިހެން ބުނެފައި ވަނީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގޮވާލައި ފިނޭންސް މިނިސްޓްރީން މިދިޔަ ޖޫން މަހު ސާކިއުލާ އެއް ނެރުނު ފަހުން، ސިޔާސީ ބައެއް މަގާމުތައް އުފައްދައި އެ މަގާމުތަކަށް ބޭފުޅުން އައްޔަނު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި "ދަ ޕްރެސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސްގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ދީފައިވާ ލަފަޔާ އެއްގޮތަށް ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެއްވެސް މަސައްކަތެއް ނެތް ގޮތަކަށް ސިޔާސީ މުވައްޒަފުން އައްޔަނުކޮށްފައި ނުވާނެ ކަމަށެވެ.
މިއުވާން ވިދާޅުވި ގޮތުގައި، ސަރުކާރުން މަސައްކަތް ކުރަނީ އެއް ތަނެއްގައި މަސައްކަތްކުރައްވާ ބޭފުޅަކު އެހެން ތަނަކަށް ބަދަލުކޮށްގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެހެން އޮތް ނަމަ، އެގޮތަށް އަމަލުކޮށްގެން ވެސް ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށެވެ.
"ފަހަރުގަ އަހަރުގެ ކުރީކޮޅު [މީހުން] ނުނެގުނު ކަމުގައިވިޔަސް، އަހަރުގެ ފަހުކޮޅު ފަށާ ޕްރޮޖެކްޓެއް ނަމަ އަހަރުގެ ފަހުކޮޅު މީހުން ނަގާއިރު، ކޮންމެސް ވަރަކަށް ބަޖެޓް ކުރެވިފަ ހުންނާނީ އިނގޭތޯ. ބަޖެޓް ނުކުރެވޭ މަގާމުތަކަކަށް މީހުންނެއް ނުނަގާނެ." މިއުވާން ވިދާޅުވިއެވެ.
މިދިޔަ ޖޫން މަހު ފިނޭންސް މިނިސްްޓްރީން ވަނީ، ރަޝިއާ-ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުބޮޑުވުމާ ގުޅިގެން، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ގޮވާލައި ސާކިއުލާއެއް ނެރެފައެވެ. އެ ސާކިއުލާގައި، ދައުލަތުގެ މުވައްޒަފުންނަށް ކުރާ ހަރަދުތައް ކުޑަކޮށް، ބަޖެޓުން އާ މަގާމުތައް ނުއުފެއްދުމަށާއި، މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުން ފަދަ ކަންކަމަށް ގޮވާލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ