ރައީސްގެ ފަހަތަށް ގާސިމް އަރާނެ އެއްގޮތެއް ވެސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަރާނެ އެއްގޮތެއް ވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތިއްބަވާ ގްރޫޕަކަށް ކުރެއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ރައީސް ސޯލިހުގެ ފަހަތަށް ގާސިމް އަރާނެ އެއް ގޮތެއް ވެސް ނެތް ކަމަށާއި އެއީ 100 ޕަސެންޓް ޔަގީން ކަމެއް ކަމަށެވެ. އަދި ރައީސް ސޯލިހު ފަޅީގައި ތިއްބެވި ބޭފުޅުން އެމަނިކުފާނާ އޮޅުވާލައި ވާވައްދަމުންދާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުން ސަނާ ކިޔަސް މީހުން ދެކޭ ގޮތް ވަރަށް ތަފާތު. އަދި، މިއީ ގާސިމްގެ ރަނުގެ ފުރުސަތު." ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައި ބަލިވެވަޑައިގަތުމުން އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ސިޔާސީ ހަރަކާތެއް ފަށައި، އޭގައި ބައިވެރިވާން ނަޝީދުގެ ސަޕޯޓަރުން ލައްވައި މިހާރު ގެންދަނީ ސޮއިކުރުވަމުންނެވެ. އަދި މި މަސައްކަތް ޕާޓީން އެންގިޔަސް ހުއްޓާނުލައްވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދު ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ރައީސް ސޯލިހާއެކު އެމްޑީޕީ އަށް ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ މި މަހު ފަހުކޮޅު ބާއްވާ ކޮންގްރެސްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ