އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ނަތީޖާ އަދިވެސް ނުލިބޭ، އާއިލާގެ ގިނަ ކަންބޮޑުވުންތަކެއް

ފުލުހުންގެ އިހުމާލުން މަރުވިކަމުގެ ތުހުމަތުކުރާ އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމްގެ ނަތީޖާ ނުލިބި ލަސްވާތީ އޭނާގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އަބްދުﷲ ރަޝީދު މަރުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރު ކުރުމަށް ފަހު ހޯނޑެއްދުއިން އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ. ތަދު އެރުމާއެކު ފަރުވާ ދިނުމަށް ފުލުހުންގެ ގާތު އަބްދުﷲ އެދުނު ކަމަށާއި ނަމަވެސް އެއީ އެކްޓް ޖެއްސުން ކަމަށް ބުނެ ފުލުހުން ފަރުވާ ނުދިން ކަމަށް އެ އާއިލާއިން ބުނެއެވެ. އެއާއެކު އާއިލާގެ ނުރުހުމުގައި އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވީ މިދިޔަ މަހުގެ 31ގައެވެ. އަބްދުﷲގެ ހަށިގަނޑު ރާއްޖެ ގެނެސް ވަޅުލީ މި މަހު ފަސްވަނަ ދުވަހެވެ. އަބްދުﷲގެ މަރަށް ގިނަ ދުވަސްތަކެއްވެ ޕޯސްޓުމޯޓަމް ހެދިތާ ވެސް ދުވަސްވަމުން އަންނައިރު އާއިލާއިން އަންނަނީ އަދިވެސް އޭގެ ރިޕޯޓު ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އާއިލާގެ ފަރާތުން އޭނާގެ ބޮޑުބޭބެ އަހްމަދު ޝަރީފް "ސަން"އަށް ބުނީ އެ މަރުގައި އާއިލާއިން ޝައްކުކުރާ ގިނަ ކަންތައްތަކެއް ހުރިކަމަށެވެ. އަދި ކޮންމެ ގޮތަކަށް ނަތީޖާ ލިބުނު ނަމަވެސް ހިއްސާކުރަން ވަނީ އެދިފައެވެ. "އަޅުގަނޑުމެންނަށް އޯކޭ އަދި ކޮންމެ ގޮތަކަށް ނަތީޖާ ލިބުނު ނަމަވެސް. ސަލާމަތުން ތިބި އެންމެން އެބަ އިންތިޒާރުކުރޭ މި ރިޕޯޓު ހަދައި މީގެ ނަތީޖާ ލިބޭނެ އިރަކަށް. ވަރަށް ގިނަ ބޭފުޅުން އެބަ އިންތިޒާރުކުރޭ. މިއަދާ ހަމައަށް ރިޕޯޓޭ ވެސް ނުކިޔާ،" ޝަރީފް ބުންޏެވެ. މިއަދާ ހަމައަށް ވަގުތީ ނަތީޖާއެއް ވެސް ނުލިބޭކަމަށް އޭނާ ބުންޏެވެ. އަދި ދާއިމީ ނަތީޖާ ލިބެން ތިން މަސް ދުވަސް ނަގައިފާނެކަމަށް ފުލުހުން ބުނާކަމަށް އޭނާ ބުންޏެވެ. އޭނާގެ އާއިލާއިން ވަނީ ޕޯސްޓްމޯޓަމްގެ ނަތީޖާއަށް ބަދަލު ގެނައުމެއް ނެތި ހިއްސާކުރުމަށް އެދިފައެވެ. އަދި އަބްދުﷲ ރަޝީދުގެ މަރު ހިނގަން މެދުވެރިވި ސަބަބު ފުރިހަމައަށް ތަހުގީގުކުރުމަށް ވެސް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ