ގާސިމް މަރާލުމުގެ ކުށް އަދުހަމްގެ މައްޗަށް ސާބިތުވެއްޖެ

ހުޅުމާލޭގައި ރަހުމްކުޑަކޮށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި ދައުވާ ލިބޭ އަދުހަމް މުޙައްމަދުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ. ހުޅުމާލޭ ހާފްވޭ ހައުސް ކައިރިން އދ. މާމިގިލީ ކަނީރުމާގޭ ޤާސިމް ހަސަން، 59، އަށް ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދު ހަމަލާދިނީީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ގާސިމް މަރުވީ ހަމަ އެ ރޭގެ ވަގުތެއްގައެވެ. މި މައްސަލައިގައި އަދުހަމް ހައްޔަރުކުރީ އޭގެ ދެ ހަފުތާ ފަހުން، ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހާ އެކު އަދުހަމް އެކުލަވާލީ އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ގާސިމަށް ހަމަލާ ދިން ކަމަށް އެއްބަސްވެ، ކަން ހިނގައިދިޔަގޮތް ވަރަށް ތަފްސީލްކޮށް ކިޔައި ވެސް ދީފައެވެ. ނަމަވެސް ފަހުން އަދުހަމް ވަނީ، އިއުތިރާފުވީ ފުލުހުން އަނިޔާކުރުމުން ކަމަށް ބުނެ އެ އިއުތިރާފުން ރުޖޫއަވެފައެވެ. އޭގެ ފަހުން އަދުހަމް ވަނީ ދެވަނަ ފަހަރަކަށް ކްރިމިނަލް ކޯޓުގައި އިއުތިރާފުވެފައެވެ. ނަމަވެސް އޭނާ ވަނީ، އެއީ މަސްތުގެ ހާލަތުގައި ހުރުމުން ކުރެވުނު ކަމެއް ކަމަށާއި، ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް ބުނެ ކުށުގެ ނިޔަތަށް އިންކާރުކޮށްފައެވެ. އަދުހަމްގެ މައްޗަށް ކުށް މި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް އިއްވީ ހުކުމުގައި، އަދުހަމް ހަމަލާދީފައި ވަނީ ކުރެވޭ އަމަލުގެ ނަތީޖާ ނޭނގޭ ހާލަތެއްގައި ނޫންކަން އޭނާ ކުށް ކުރުމުގެ ކުރިންނާއި ކުށް ކުރުމަށް ފަހު އަމަލުކުރި ގޮތުން ހާމަވާ ކަމަށް ފާހަގަކުރެއްވިއެވެ. މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ދައުވާގެ ހުރިހާ އުންސުރެއް ހަމަވާ ކަމަށް ނިންމަވާ، ގާޒީ ކަނޑައެޅުއްވީ އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށެވެ. މިއީ މަރުގެ މައްސަލައަަކަށް ވާތީ، މި މައްސަލާގައި ދެން އޮންނާނީ ގާސިމްގެ ވާރިސުންގެ ބަސްނެގުމެވެ. އަދުހަމަށް ހުކުމް ކުރާނީ ވާރިސުންގެ ބަސް ހޯދުމަށް ފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ