ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންގެ އުޖޫރައަށް ގެނެސްދެއްވި ހެޔޮ ބަދަލާއެކު މިނިސްޓަރުގެ ޝުކުރު ރައީސްއަށް

ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންގެ އުޖޫރައަށް ގެނެސްދެއްވި ހެޔޮ ބަދަލާއެކު މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް (ކެރަފާ ނަސީމް) ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވައިފިއެވެ.
މިނިސްޓަރ ނަސީމް މިއަދު ވިދާޅުވީ، ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންގެ އުޖޫރައަށް ގެނެސްދެއްވި ހެޔޮބަދަލާއި ކުރިމަގު ތަނަވަސް ކޮށްދެއްވިކަމަށްޓަކައި އެ ޚިދުމަތްތެރިންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހަށް އިޚްލާޞްތެރިކަމާއެކު ޝުކުރުދަންނަވާ ކަމަށެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ފަދައިން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މާދަމާއިން ފެށިގެން ގެންނަވާ ހެޔޮ ބަދަލު ހާމަކުރެއްވީ މިއަދު ހެނދުނު ރައީސް ސޯލިހު ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު، މެއި 1 ވަނަ ދުވަހުން ފެށިގެން، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ޝޯސަލް ސަރވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް ގެންނަވަން ނިންމަވާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިއްބެވި ބޭފުޅުންނަށް ވެސް، މާދަމާއިން ފެށިގެން އެ އެލަވަންސް ލިބެން ފަށާނެ ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މެޑިކަލް އަދި ޑެންޓަލް އިންޓަރން ޝިޕް ފުރިހަމަ ކުރާ ފަރާތްތަކަށް އިންޓަރން އެލެވަންސެއް ދިނުމަށްވެސް ނިންމާފައިވާ ކަމަށާ، ޞިއްޙީ ދާއިރާއިން ދިވެހިން މަދު ފަންނުތަކުން މީހުން ބިނާކުރުމަށް ސްކޮލަރޝިޕާއި ލޯނު ޕްރޮގްރާމްތައް ތައާރަފްކުރެއްވުމަށްވެސް ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ