ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅުން: ކާނަލް އަބްދުﷲ ގެ އެއްވެސް އިހުމާލެއް ނެތް ކަމަށް ބުނެފި

މިދިޔަ މާޗް މަހުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ އިހްތިޖާޖެއްގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ސަސްޕެންޑުކުރި ކޮމާންޑިން އޮފިސަރު ކާނަލް އަބްދުﷲ އިބްރާހީމްގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ސިފައިން ބުނެފިއެވެ.
މާޗް މަހުގެ 20 ވަނަ ދުވަހުގެރޭ އިދިކޮޅުން ޕީޕީއެމްގެ އޮފީހުގެ ކުރިމަތީގައި ކުރިއަށް ގެންދިޔަ އިހްތިޖާޖުގެ ބައިވެރިން ވަނީ ރައީސްގެ މޮޓޯކޭޑު ބޮޑުތަކުރުފާނު މަގުން އެ ސަރަހައްދުން ދުއްވާފައި ދަނިކޮށް ހުރަސް އަޅައިފައެވެ. 15 މިނެޓު ވަރު ވަންދެން ރައީސްގެ މޮޓޯކޭޑު އެ ސަރަހައްދުގައި އޮތުމަށް ފަހު، މުލީއާގެ އަށް ފަހުން ވަޑައިގަތީ އަނބުރާލެއްވުމަށް ފަހު، ބޮޑުތަކުރުފާނު މަގުގެ ދެކުނަށެވެ.
އެ މައްސަލައިގައި ޖުމްލަ 22 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 12 ފިރިހެނަކާއި 10 އަންހެނެކެވެ.
އެއާ ޖެހިގެން އައި ދުވަހު، ކާނަލް އަބްދުﷲ ގެ އިތުރުން، ސިފައިންގެ އިތުރު ބަޔަކު ސަސްޕެންޑުކޮށް، ރައީސްގެ ސެކިއުރިޓީ ޔުނިޓް ހިންގުމަށް ވަގުތީ ގޮތުން ހަވާލުކުރީ ޑެޕިއުޓީ ކޮމާންޑިން އޮފިސަރު އަހްމަދު ހަލީމަށެވެ. ސިފައިން އޭރު ބުނީ، އަބްދުﷲ ސަސްޕެންޑުކޮށްފައި ވަނީ އެ މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބެލެހެއްޓުމަށްޓަކައި އޮންނަ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.
މިއަދު ނެރުނު ބަޔާނެއްގައި ސިފައިން ބުނީ، އަބްދުﷲ އޭނާގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑުކުރީ، އެ މައްސަލަ އެއްވެސް ނުފޫޒެއް ނެތި ބެލުމުގެ ބޭނުމުގައި ކަމަށެވެ. އެއީ އެއްވެސް ހާލެއްގައި ސިފައިންގެ ވަޒީފާ އިން އޭނާ ސަސްޕެންޑުކުރުން ނޫން ކަމަށް ސިފައިންގެ ބަޔާނުގައި ވެއެވެ.
އަދި އެ މައްސަލަ ބެލި ބެލުމުން އަބްދުﷲ ގެ އެއްވެސް އިހުމާލެއް ފެންނަން ނެތް ކަމަށް، ސިފައިން ބުންޏެވެ.
އިއްޔެ ސިފައިން ވަނީ އަބްދުﷲ ބްރިގޭޑިއާ ޖެނެރަލްގެ ރޭންކަށް ޕްރޮމޯޓްކޮށްފައެވެ. ސިފައިންގެ ރޭންކުތަކަށް ބަލާލާ ނަމަ، އެއީ އެންމެ މަތިން ހަތަރުވަނަ ރޭންކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ