ފުއްގިރި މައްސަލާގައި ޔާމީންގެ ޝަރީއަތްތައް ހައި ކޯޓުން ހުއްޓުވައިފި

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތްތައް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ.
ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރިކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.
އެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން އެންގީ އެ މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުންތަކެއް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ އެ މައްސަލަ ނިމެންދެނެވެ.
ހައި ކޯޓުން މިއަދު ނެރުނު އަމުރުގައި އަންގާފައިވަނީ އެ މައްސަލާގައި އެ ކޯޓުން ގޮތެއް ނިންމަންދެން ނުވަތަ އެހެން ގޮތެއް އަންގަންދެން ފުއްގިރި މައްސަލާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ކުރިއަށް ނުގެންދަން އަންގާ ކަމަށެވެ.
ފުއްގިރި މައްސަލާގައި ހައި ކޯޓުން އެގޮތަށް އެންގިޔަސް, ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ