ގާޒީ ސްކައުޓް ގުރޫޕްގެ ކޭމްޕް މޯގްލީ ފަށައިފި

ހުޅުމާލޭ ގާޒީ ސްކޫލްގެ ސްކައުޓް ގުރޫޕުން "ކޭމްޕް މޯގްލީ"ގެ ނަމުގައި ކޭމްޕެއް ފަށައިފިއެވެ.
އެގުރޫޕްގެ ކަބްސްކައުޓުންނާއި ސްކައުޓުނަށް އަމާޒުކޮށް ފެށި ތިންދުވަހުގެ މިކޭމްޕް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ގާޒީ ސްކޫލް ކޮމްޕައުންޑްގައެވެ.
މިރަސްމިއްޔާތުގައި ގާޒީ ސްކޫލްގެ ބައެއް އިސްވެރިންނާއި ސްކައުޓު ލީޑަރުންނާއި އަރަބިއްޔާ ސްކައުޓް ގުރޫޕްގެ ބައެއް ލީޑަރުން ބައިވެރިވިއެވެ.
މިރަސްމިއްޔާތުގައި ގާޒީ ސްކައުޓް ގުރޫޕަށް މުޅިން އަލަށް ރޯވާ ސްކައުޓް ސެކްޝަން ތައާރަފުކޮށް ފުރަތަމަ ރޯވާ ބެޗުވަނީ ވައުދުވެފައެވެ. އަލަށް ވައުދުވި ރޯވާއިންނަށް ވައުދު ލައިދެއްވީ އަރަބިއްޔާ ސްކައުޓް ގުރޫޕްގެ އެސިސްޓެންޓް ގުރޫޕް ސްކައުޓް ލީޑަރ ސައިފް އަޒްހަރެވެ. މިއާއެކު ގާޒީވެގެން ގޮސްފައިވަނީ ހުޅުމާލޭގައި އެންމެ ފުރަތަމަ ރޯވާ ސެކްޝަން އިފްތިތާހުކުރި ސްކައުޓް ގުރޫޕަށެވެ.
"ކޭމްޕް މޯގްލީ" އަކީ އަރަބިއްޔާ ސްކައުޓް ގުރޫޕްގެ ބޮޑު އެހީތެރިކަމަކާއެކު ކުރިއަށްގެންދެވޭ ކޭމްޕެއްކަން ގާޒީ ސްކޫލްގެ ސްކައުޓް ގުރޫޕުން ފާހަގަކުރެއެވެ. މިކޭމްޕްގައި އަރަބިއްޔާ ސްކައުޓް ގުރޫޕްގެ ރޯވާއިންވެސް އަންނަނީ ހަރަކާތްރިވަމުންނެވެ.
މިކޭޕްގައި ސްކައުޓް ހަޔާތާއި އާއްމު ދިރިއުޅުމަށްވެސް ބޭނުންތެރި ގިނަ މައުލޫމާތުތަކަކާއި ތަމްރީންތަކެއް ސްކައުޓުންނަށް ދެވިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ. ސްކައުޓް ހަރަކާތުން ރިވެތި އަޚުލާގަށް ދަރިވަރުން ހާނުވައި، ދިރިއުޅުމުގެ ގިނަ ހުނަރުތަކެއް ދަސްކޮށްދެއެވެ.
ގާޒީ ސްކޫލްގެ ކޮމްޕައުންޑުގައި ކުރިއަށްގެންދާ މިކޭމްޕު ނިންމާލާނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ