1346 ވޯޓާއެކު ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމް.ޑީ.ޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބުކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މިރޭ އާއްމުކޮށްފައިވާ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 3423 މީހުންގެ ތެރެއިން %80.48 މީހުން ވަނީ ވޯޓުލާފައެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މި އިންތިޚާބު އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބުކުރައްވާފައިވަނީ 120 ވޯޓުގެ ތަފާތަކުންނެވެ. ޝާޒަށް ލިބިވަޑައިގަތީ ޖުމްލަ 1346 ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ޕީޕީއެމްގެ ކެންޑިޑޭޓް ޙުސައިން ރިޟާ އާދަމަށެވެ. ރިޟާއަށް ލިބިވަޑައިގަތީ ޖުމްލަ 1226 ވޯޓެވެ. މި އިންތިޚާބުގައި އެމް.އެން.ޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ޢަލީ އާރިފަށް ލިބިވަޑައިގަތީ ޖުމްލަ 122 ވޯޓެވެ.
މިއަދު ހެނދުނު 8 އިން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްގެންދިޔަ މި ބައި-އިލެކްޝަންގައި ވޯޓުލުމަށްޓަކާ ޖުމްލަ 6 ފޮށްޓެއް އިލެކްޝަންސް ކޮމިޝަނުން ބެހެއްޓިއެވެ. އެއީ ގުރައިދޫގައި 2 ފޮށި، މާފުށީގައި 2 ފުށި، ގުޅީގައި ފޮށްޓެއް އަދި ގުރައިދޫ ދާއިރާއަށް ނިސްބަތްވާ މާލޭގައި ދިރިއުޅޭ ރައްޔިތުން ވޯޓުލުމަށްޓަކާ ބެހެއްޓި ފޮށްޓެވެ. ވޯޓުލުމަށް ކަނޑައެޅި ވަގުތު ހަމަވިއިރު، އިންތިޚާބުގައި ޖުމްލަ 2755 މީހުން ވަނީ ވޯޓުލާފައެވެ. އޭގެ ތެރޭގައި 1431 ފިރިހެންނުންނާއި 1324 އަންހެނުން ހިމެނެއެވެ. ބާތިލު ވޯޓުގެގޮތުގައި 61 ވޯޓު ލިބިފައިވާއިރު، ޞައްޙަ ވޯޓުގެ ގޮތުގައި 2694 ވޯޓު ލިބިފައިވާކަމަށް އިލެކްޝަންސްގެ ވަގުތީ ނަތީޖާއިން ދައްކައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އިންތިޚާބުގެ ކަންކަން ކުރިއަށް ދިޔައީ ސުލްހަވެރިކަމާއެކުކަމަށެވެ. ނަމަވެސް ވިއްސާރަވުމުގެ ސަބަބުން ގިނަބަޔަކަށް ވޯޓުލުމަށް ފުރުޞަތު ދިނުމުގެ ގޮތުން ވަގުތު އިތުރުކުރުމުން ބައެއް ސިޔާސީ ޕާޓީތަކުން ޝަކުވާ ލިބިފައިވާކަމަށެވެ. އެގޮތުން ރަސްމީކޮށް 2 ޝަކުވާ ހުށައެޅިފައިވާކަމަށާއި، ނަމަވެސް ނަތީޖާއަށް އަސަރުކުރާނެފަދަ ޝަކުވާއެއް މިހާތަނަށް ލިބިފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައި މިވަނީ އެދާއިރާގެ ގޮނޑި ތިން ދައުރު ފުރުއްވި ޕީޕީއެމްގެ އިބްރާހީމް ރިޟާ މިދިޔަ ފެބުރުއަރީ މަހު އަވަހާރަވުމާއި ގުޅިގެންނެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި، 1346 ވޯޓާއެކު ކާމިޔާބުކުރެއްވީ ޝާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ