އޮސްޓްރޭލިއާ ހަމަލާ: އެކަކު އަތުން ބަޑިއަތުލައި އެތައް ބަޔެއްގެ ފުރާނަ ސަލާމަތްކޮށްދިނީ މުސްލިމެއް

އޮސްޓްރޭލިއާގެ ސިޑްނީގައި ޔަހޫދީންގެ ދީނީ ބޮޑު އީދެއްގެ ތެރޭގައި ދިން ބަޑިޖެހުމުގެ ހަމަލާއެއްގައި މަދުވެގެން 16 މީހުން މަރުވި ހާދިސާގައި، އިތުރު ބަޔެއްގެ ފުރާނަ ގެއްލުނަނުދީ، ފުރާނަ ސަލާމަތްކޮށްދިން ހިތްވަރުގަދަ އާންމު މީހަކަށް ދަނީ ވަރަށް ބޮޑަށް ތަޢުރީފު އޮހެމުންނެވެ. މި މީހާއަކީ ސިޑްނީގައި ދިރިއުޅޭ މުސްލިމެއް ކަމަށް އޮސްޓްރޭލިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އާދިއްތަ ދުވަހު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި، މި ''ހީރޯ'' އަކީ އެ ހާދިސާ ހިނގިއިރުނ ކާރު ޕާކެއްގެ ތެރޭގައި ހުރި މީހެކެވެ. އޭނާ ވަނީ ރައިފަލެއް ހިފައިގެން ހުރި ހަމަލާދިން މީހާގެ ގާތަށް ދުވެފައި ގޮސް، އޭނާއާ ކުރިމަތިލައި އޭނާ ހިފަހައްޓައި، ރައިފަލު އަތުލާފައެވެ. އަދި ރައިފަލު އަތުލައި ހަމަލާދިން މީހާ އާއި ދިމާއަށް ދިއްކޮށްގެން ހުރިތަން ފެނެއެވެ. ހަމަލާ ދިނުމުން އެމީހާ ވެއްޓުމަށްފަހު އަލުން ތެދުވާތަން ވެސް ވީޑިއޯއިން ފެނެއެވެ. އެވަގުތު ހަމަލާގައި ބައިވެރިވި އިތުރު މީހަކު ބަޑި އަތުލި މީހާ އާއި ދިމާލަށް ދުވެފައި ގޮސް އޭނާ ކައިރިއަށް ހުއްޓެއެވެ. ނަމަވެސް އޭނާ އަތުގައި ބަޑި އޮތުމުން އަތުލަން މަސައްކަތްކުރާކަށް ނުކެރުނެވެ. އެވަގުތު ވެއްޓިފައި އޮތް މީހާ ދުވެފައި ބްރިޖަކާ ދިމާއަށް ދިޔައިރު، ދެވަނަ މީހާ ވެސް އެތަނުން ދެއެވެ. އެމީހުން ދިޔުމުން ބަޑި އަތުލި މީހާ ވަނީ ބަޑި އެތާ ހުރި ރުކެއްގައި ލައްކޮށްލާފައެވެ. އަދި ކުރިން ބަޑި ޖެހި މީހާއާއި ދިމާއަށް ދުވެފައި ގޮސް އަތުގައި އޮތް އެއްޗެއް އެއްލުމުން އެމީހާ ދުއްވައި ގަނެއެވެ. އެވަގުތު ބްރިޖް މަތީގައި އިތުރު ދެ މީހަކު ތިބެގެން ބަޑި ޖަހަމުންދާތަން ވެސް ވީޑިއޯ އިންފެނެއެވެ. ބަޑިޖަހަން ފެނުމުން ބަޑި އަތުލިމީހާ ވަނީ ރުކުގެ ނިވަލަށް ވަދެ ބަޑިނަގައި އިށީނދެފައެވެ. މި ހިތްވަރުގަދަ ޢަމަލުގެ ސަބަބުން އިތުރު ބަޔަކަށް ގެއްލުންވިޔަ ނުދިނުމަށް ބޮޑު އެހީއެއް ލިބިގެންދިޔައެވެ.
އޮސްޓްރޭލިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި ހިތްވަރުގަދަ ޢަމަލު ކުރި މީހާއަކީ ސިޑްނީގައި ދިރިއުޅޭ 43 އަހަރުގެ އަޙްމަދު އަލް އަޙްމަދުއެވެ. އަލް އަޙްމަދުގެ ބޮޑުބޭބެގެ ދަރިއެއް ކަމަށްވާ މުސްތަފާ، ''ނިއުސް ސެވަން'' އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ހާދިސާގައި އަޙްމަދުގެ ހަށިގަނޑަށް ދެ ފަހަރެއްގެ މަތިން ބަޑީގެ ހަމަލާ އެރި ކަމަށެވެ.
"އޭނާ ހުރީ ހޮސްޕިޓަލުގައި، އަދި އެތެރޭގައި ކަންތައްތައް ހިނގަމުންދާ ގޮތެއް އަހަރެމެންނަކަށް ނޭނގެ. އަހަރެމެން އުންމީދު ކުރަނީ އޭނާ ރަނގަޅުވާނެ ކަމަށް. އޭނާއަކީ 100 އިންސައްތަ ހީރޯއެއް." މުސްތަފާ ބުނެފައިވަވެއެވެ. އަދި އޭނާއަށް އާދިއްތަ ދުވަހުގެ ރޭ އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް މުސްތަފާ ބުނެފައިވެއެވެ.
މި ހާދިސާގައި ހަމަލާދިން ކަމަށް ޝައްކުކުރެވޭ އެކަކު މަރުވެފައިވާއިރު، އަނެކަކުގެ ހާލު ވަރަށް ސީރިއަސްއެވެ. ފުލުހުން ދަނީ ތިންވަނަ މީހަކު މި ހާދިސާގައި ބައިވެރިވޭތޯ ބަލަމުންނެވެ.
އަޙްމަދު އަލް އަޙްމަދުގެ ހިތްވަރުގަދަ ޢަމަލުގެ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފެތުރި، އޭނާއަށް ވަރަށް ބޮޑަށް ތަޢުރީފު ލިބިފައެވެ. ގިނަ ބަޔަކު އޭނާއަކީ އޮސްޓްރޭލިއާގެ ހީރޯއެއް ކަމަށް ސިފަކޮށްފައިވެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ