ކޮންޓެއިނަރު ސްކޭނާ ގަންނަން 51 މިލިއަން ބޭނުންވޭ، މިނިސްޓްރީން ދޭން އުޅުނީ 15 މިލިއަން
މާލެ ވިޔަފާރި ބަނދަރުގައި ބަހައްޓާ ކޮންޓެއިނަރު ސްކޭނާ ގަތުމަށް 51 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފިއެވެ. މާލެ ވިޔަފާރި ބަނދަރުގެ ކަންކަން މިހާރަށް ވުރެ ހަރުދަނާކުރުމަށް ކޮންޓެއިނަރު ސްކޭނާ ހަރުކުރުމުގެ އިންތިޒާމުތަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް ބަޖެޓު ދިސާރާ ކުރާ ކޮމިޓީން މިއަދު ވަނީ، ކަސްޓަމްސްއާއި އެމްޕީއެލްގެ އިސްވެރިންނާ ބައްދަލުކޮށްފައެވެ. ފިނޭންސް މިނިސްޓްރީއާ ހަވާލާދީ، އެ ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ، އެ ސްކޭނަރު ގަތުމަށް މި އަހަރު ކަސްޓަމްސްއަށް 15 މިލިއަން ރުފިޔާ ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރު ރެޑްވޭވް ސަލީމް ---- ފޮޓޯ/ މަޖިލިސް އޭގެފަހުން، އެކަމާ ގުޅިގެން ކަސްޓަމްސްގައި ސުވާލުކުރުމުން އެ ފައިސާ ނުލިބޭ ކަން އެނގިފައިވާ ކަމަށާއި އެއީ، ކަސްޓަމްސްއިން އެ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ސިޓީ ނުފޮނުވާތީ ކަމަށް ސަލީމް ވިދާޅުވިއެވެ. އެ ކޮމިޓީގައި, ކަސްޓަމްސްގެ ބަޖެޓުގެ ކަންކަން ބެލެހެއްޓުމުގައި އުޅުއްވާ ޗީފް ސުޕްރިޓެންޑެންޓު އަބްދުﷲ އަލީ ވިދާޅުވީ، މިދިޔަ ސެޕްޓެމްބަރު 30ގައި ފިނޭންސް މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމެއްގައި އެ ފައިސާގެ ވާހަކަ ބުނެފައި އެބަ އޮތް ކަމަށެވެ. ނަމަވެސް، އޭނާ ލަފާކުރެއްވި ގޮތުގައި އެ ސްކޭނާ ގަންނަން 51 މިލިއަން ރުފިޔާ ކަސްޓަމްސްއަށް ބޭނުންވެއެވެ. މުޅި ޕްރޮސެސްގައި މުޅި ޖުމުލަ ކޯސްޓަކަށް އެބަ އަރާ ގާތްގަނޑަކަށް އަޅުގަނޑުމެން ލަފާ ގޮތުގައި ވެއްޖިއްޔާ 51 މިލިއަން އިނގޭތޯ. އެއީ ގާތްގަނޑަކަށް މި މެޝިންގެ ކޯސްޓް ޗީފް ސުޕްރިޓެންޑެންޓު އަބްދުﷲ އަލީ އެހެންވެ، ހަމައެކަނި 15 މިލިއަން ރުފިޔާ ލިބިގެން ސްކޭނަރުގެ ކަންކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ފިނޭންސްގައި ބުނެފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކަސްޓަމްސްގެ ޗީފް ސުޕްރިޓެންޑެންޓު އަބްދުﷲ އަލީ ---- ފޮޓޯ/ މަޖިލިސް އަބްދުﷲގެ ވާހަކަ ނިމުމާއެކު، ސަލީމް ވިދާޅުވީ، އެ ފައިސާއާ ގުޅޭ ގޮތުން މިއަދު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާ ވާހަކަދެއްކެވި ކަމަށެވެ. އެގޮތުން، ބޭނުންވާ ފައިސާ ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ފިނޭންސުން ދީފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ. "އެއް ގޮތަކީ، އެމީހުން ރާވާފައި އޮތީ އެމްޕީއެލްގެ ތެރެއިން އެބައި ކަވަރުކުރާ ގޮތަށް އިނގޭތޯ. ދެވަނަ ގޮތަކަށް އޮތީ ފިނޭންސް މިނިސްޓްރީން އެކަން ކޮށްދޭ ގޮތަށް. ކޮންމެ ގޮތެއް ވިޔަސް އެކަން އޮތީ ވާ ގޮތަށް. ޓެންޑާއެއް ކޮށްގެން ވެސް، އެންމެ ފުރަތަމަ ނުޖެހޭނެ ކަންނޭނގެ އެއްކޮށް ދޭކަށެއް ލާރިއެއް،" ސަލީމް ތަފުސީލުކޮށްދެއްވިއެވެ. އެ ވާހަކައަށް ފަހު، އެޕްލީއިން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ، ސްކޭނަރު ބަހައްޓަން ބޭނުންވާނެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ. އެ ކުންފުނިން މިހާރު ބަލަނީ މޮބައިލް ސޮލިއުޝަންއަކަށްކަން ފާހަގަކުރައްވައި، އޭނާ ވަނީ އޭރަށް ރައްކާތެރިކޮށް، ބޭނުން ތަނަކަށް މެޝިނު ބަދަލުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އިތުރަށް އޭނާ ވިދާޅުވީ، އެމްޕީއެލްއިން ތިލަފުށީގައި ހަދާ ވިޔަފާރި ބަނދަރަށް ބަދަލުވުމުން، އެތަނުގައި އެންމެ ޒަމާނީ ރަނގަޅު ސިސްޓަމެއް ހުންނާނެ ކަމަށާއި ސްކޭނަރު ގަނެވޭ ވަރަށް މި ވަގުތު އެކުންފުނީގައި ބަޖެޓެއް ނެތް ކަމަށެވެ. ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ތެރެއިން ---- ފޮޓޯ/ މަޖިލިސް އެ ސްކޭނަރު ގަތުމަށް ގާތްގަނޑަކަށް ތިނެއް ނުވަތަ ހަތަރު ވަރަކަށް މިލިއަން ޑޮލަރު ވަރު ޚަރަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެވާހަކައަށް އިޝާރާތްކުރައްވައި، ސަލީމް ވިދާޅުވީ، ކޮންޓެއިނަރު ސްކޭން ކުރާ މެޝިނު ގަތުމަކީ މިހާރުން މިހާރަށް އަޅަން ޖެހޭ ފިޔަވަޅެއް ކަމަށެވެ. އެ ކަން ފަސްކުރެވެން ނެތް ކަމަށް ވިދާޅުވެ، ސަލީމް ވަނީ، ބިޑު ކުރެވޭނެ ދުވަހެއް އެންގުމުން ބާކީ ފައިސާ ހޯދަން މިނިސްޓަރާ ވާހަކަދައްކައިގެން މަސައްކަތް ކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. "އަޅުގަނޑަށް ހަމަ ޔަގީނުން ވެސް އެބަ އިނގޭ ކޮންޓެއިނާ ސްކޭނާ ބަހައްޓައިގެން ދައުލަތުގެ ކަސްޓަމްސްއަށް ލިބޭ އާމްދަނީގެ ދެ ގުނަ އިތުރުވެގެންދާނެކަން. އަޅުގަނޑު އެވާހަކަ މި ދައްކަނީ ވަރަށް ރަނގަޅަށް އެނގިގެން،" ސަލީމް ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގެ އެއްވެސް ޕޯޓެއްގައި ކޮންޓެއިނަރު ސްކޭން ކުރެވޭނެ ވަސީލަތެއް ގާއިމުވެފައި ނެތް ކަން އޮޑިޓް ރިޕޯޓުތަކަކުން ވަނީ ދައްކާފައެވެ. މިކަމުގެ ސަބަބުން، ބަނދަރުތަކުގައި މުދާ ބާލާ ފާސްކުރާއިރު ގިނަ މުދާތައް ފާސްކުރަންޖެހެނީ ސްކޭން ނުކޮށް ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ. https://sun.mv/195777 އެހެންކަމުން، އެތެރެކުރެވޭ މުދަލާއެކު މަސްތުވާތަކެއްޗާ ރާއްޖެ އެެތެރެކުރުން މަނާ ތަކެތި އެތެރެވުމަށް މަގުފަހިވެފައިވުމާއި ކޮންޓެއިނާތަކުގައި ޑިކްލެއާ ނުކޮށް މުދާ އެތެރެކޮށް ދައުލަތަށް ލިބެންޖެހޭ އިމްޕޯޓް ޑިއުޓީ ގެއްލިގެން ދިއުމަށް މަގުފަހިވާކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ކަސްޓަމްސްއިން ކޮންޓެއިނަރު ސްކޭނަރެއް ގެންނަން އުޅޭއިރު، ކަސްޓަމްސްއިން ހިފެހެއްޓުމަށް ފަހު އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލޭގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައި މިހާތަނަށް 10 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ކަސްޓަމްސްއާއި އެމްޕީއެލްގެ މުވައްޒަފުން ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ