ބްލޫސްކައިގެ ޔޫޒަރުންގެ އަދަދު 40 މިލިއަނަށް!

ސޯޝަލް ނެޓްވޯކް ބްލޫސްކައި ބޭނުންކުރާ މީހުންގެ އަދަދު 40 މިލިއަނަށް އަރާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. ބްލޫސްކައިގެ ޔޫޒަރުންގެ އަދަދު ރެކޯޑް އަދަދަކަށް އަރާފައިވާއިރު، އެ ޕްލެޓްފޯމްގެ ތަޖުރިބާ ރަނގަޅުކުރުމަށްޓަކައި މުހިންމު ބަދަލުތަކެއް ތަޢާރަފުކުރަން ނިންމާފައިވާކަން ވެސް ވަނީ އިއުލާންކޮށްފައެވެ. މި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، ޔޫޒަރުންނަށް ފީޑްތައް ޕާސަނަލައިޒް ކުރުމަށް އެހީތެރިވެދޭނެ "ޑިސްލައިކްސް" ބީޓާ ޓެސްޓެއް ފެށުމެވެ. މި ފީޗާގެ މައިގަނޑު މަގުޞަދަކީ ޔޫޒަރުން ޕޯސްޓްތަކަށް "ޑިސްލައިކް" ދިނުމުން، އެ ސިގްނަލް ބޭނުންކޮށްގެން ސިސްޓަމުން އެ ޔޫޒަރަކު ދެކެން ބޭނުންނުވާ ކޮންޓެންޓް ދެނެގަނެ، ޑިސްކަވާ ފީޑް އަދި އެހެނިހެން ފީޑްތަކުގައި ކޮންޓެންޓް ދައްކާނެ ގޮތް ރަނގަޅުކުރުމެވެ. މީގެ އިތުރުން، ރިޕްލައިތައް ރޭންކްކުރުމުގައި ވެސް މި ޑިސްލައިކްސްގެ އަސަރު ހުންނާނެއެވެ. https://sun.mv/206394 ބްލޫސްކައިގެ މި ބަދަލުތަކުގެ ބޭނުމަކީ، ޕްލެޓްފޯމްގައި "އުފާވެރި، ތެދުވެރި އަދި އިޙްތިރާމާއެކު މުޢާމަލާތްކުރެވޭ" މާހައުލެއް ބިނާކުރުމެވެ. މި މަގުސަދު ޙާސިލްކުރުމަށްޓަކައި، ''ޓޮކްސިކް'' ކޮމެންޓްތައް ދެނެގަތުން ރަނގަޅުކުރުމަށް އިތުރު ބަދަލުތަކެއް ވެސް ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން، ޕްލެޓްފޯމްގެ އާ ސިސްޓަމަކުން "ސޯޝަލް ނެއިބާހުޑްސް" މެޕްކުރާނެއެވެ. މިއީ ޔޫޒަރުން ގިނައިން މުޢާމަލާތުކުރާ މީހުންގެ ގުޅުންތައް ދެނެގަނެ، ފީޑްތަކުގައި އެ ޔޫޒަރަކާ އެންމެ ގާތް ބަޔެއްގެ ރިޕްލައިތަކަށް އިސްކަންދިނުމަށް ބޭނުންކުރާނެ ނިޒާމެކެވެ. މީގެ ސަބަބުން، އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދިމާވާ ފަދަ، ނުގުޅޭ ނުވަތަ އޮޅުންއަރާ ވާހަކަތައް ފީޑްތަކުގައި ފެނުން މަދުކުރެވޭނެކަމަށް ބްލޫސްކައިން ބުނެއެވެ. އާ ބަދަލެއްގެ ގޮތުގައި، ރިޕްލައި ބަޓަނަށް ފިތާލުމުން ކުރިން އޮންނަ ގޮތަށް ސީދާ ކޮމްޕޯސް ސްކްރީނަށް ނުގޮސް، ފުރަތަމަ ފުލް ތްރެޑަށް ގެންދާނެއެވެ. މީގެ ސަބަބުން ރިޕްލައިކުރުމުގެ ކުރިން މުޅި ވާހަކަ ކިޔާލުމަށް ބާރުއެޅި، އެއް ވާހަކަ ތަކުރާރުވުން ނުވަތަ މައުޟޫއާ ނުގުޅޭ ރިޕްލައިތައް ދިނުން މަދުކުރެވޭނެކަމަށް ބްލޫސްކައިން ބުނެއެވެ. ބްލޫސްކައިގެ ''ޑިސެންޓްރަލައިޒްޑް'' ނިޒާމުގެ ސަބަބުން، މޮޑެރޭޝަންގެ ބާރު ބޮޑަށް ދޫކޮށްލާފައިވަނީ ޔޫޒަރުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ