ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްގީކުރި، 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ގައުމަށްޓަކާ ޝަހީދުވި ކޯޕްރަލް ޝަހީދު ހުސެއިން އާދަމްގެ ހަނދާނީ ބިނާ ރަސްމީކޮށް ހުޅުވައިފި އެވެ. މި ބިނާ ހުޅުވައިދެއްވީ އިއްޔެ ހަވީރު ބަންޑާރަމައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ބިނާ ހުޅުވައިދެއްވީ ޝަހީދު ހުސެއިން އާދަމްގެ އާއިލާގެ ބޭފުޅުންނާއި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ. ޝަހީދު ހުސެއިން އާދަމްގެ ހަނދާނުގައި ތަރައްގީކުރި މި ބިނާ ގާއިމްކޮށްފައިވަނީ ކުޅުދުއްފުށީގެ އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާ ބަންޑާރަމައިދާނުގަ އެވެ.
މި ހަނދާނީ ބިނާގައި ވަނީ ޝަހީދު ހުސެއިން އާދަމް ބާޣީންނަށް ރައްދުދިނުމަށް ގެންގުޅުއްވި އޭކޭ 47 ބަޑީގެ ހަތް ފޫޓު ދިގު ނަކަލެއް ބަހައްޓާފަ އެވެ. މީގެ އިތުރުން، ޝަހީދު ހުސެއިން އާދަމް ހުންނެވި ސަރަހައްދުގެ ފާރާއި އެތަނަށް އެރި ވަޒަންތަކުގެ ނިޝާންތައް ވެސް މި ބިނާއިން ފެނިގެންދެ އެވެ. މިކަމުގެ ސަބަބުން ގައުމަށްޓަކައި އެ ޝަހީދު ދެއްވި ގުރުބާނީގެ ހަނދާން އާކޮށްދެ އެވެ.
މި ބިނާ ހުޅުވުމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ގައުމީ ޚިދުމަތްތެރިންގެ ހަނދާންތައް ދިރުވައި އާލާކުރުމަށް ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ. މި ބިނާގެ ސަބަބުން ޒުވާން ޖީލުތަކަށް ޝަހީދު ހުސެއިން އާދަމްގެ ހިތްވަރާއި ގައުމީ ލޯބީގެ މިސާލު ދައްކުވައިދޭނެ ކަމަށް ބެލެވެ އެވެ.
    
    ޝަހީދު ހުސެއިން އާދަމްގެ ހަނދާނީ ބިނާ ކުޅުދުއްފުށީގައި ހުޅުވައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ