ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީ ޓެކްސް އަތުލާތީ ރައީސަށް ޝަކުވާ

ކޮށްދީފައި ހުރި މަސައްކަތްތަކަށް, ސަރުކާރުން ވިޔަފާރިތަަކަށް ދޭންޖެހޭ ފައިސާތައް ދޫނުކުރާއިރު, ޓެކްސް ނަގަމުން ދިއުމަކީ އިންސާފުވެރި ގޮތެއް ނޫންކަން ފާހަގަކޮށް, ޓެކްސަށް ލުޔެއް ހޯދައިދިނުމަށް ވިޔަފާރިވެރިން, ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުން އެދިއްޖެއެވެ. އެކިއެކި ޕްރޮޖެކްޓްތައް ހިންގުމުން ސަރުކާރުން ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ ދޫނުކުރާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. ފައިސާ ދޫކުރާނެ ކަމުގެ އެކިއެކި ތާރީހުތައް ރައީސް ސީދާ ދެއްވި ނަމަވެސް އެކަން އޮތީ އެ މުއްދަތުތަކަށް ނުވެއެވެ. ރޭ ރައީސް މުޢިއްޒު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަދެއްކި ވަރަށް ގިނަ ވިޔަފާރިވެރިން ވަނީ ވިޔަފާރިތަކުން ސަރުކާރަށް ކޮށްދިން މަސައްކަތް ނުވަތަ މަޝްރޫއުތަކުގެ ފައިސާ، ނިމިދިޔަ ސަރުކާރުން ފެށިގެން ޕެންޑިންގައި ހުރި ވާހަކަ ފާހަގަކޮށްފައެވެ. އެހެން ނަމަވެސް، މީރާއަށް ދައްކަންޖެހޭ ޓެކްސް ގަޑިއަށް ދައްކަންޖެހޭތީ ވިޔަފާރިވެރިން ވަނީ ޝަކުވާކޮށްފައެވެ. ސަރުކާރުން ބޮޑެތި ޕޭމަންޓްތައް ފަސްކުރަމުންދާއިރު ޓެކްސް ދެއްކުމުގައި ވެސް ލަސްތަކެއް މެދުވެރިވާނެކަން އެ ވިޔަފާރިވެރިން ވަނީ ފާހަގަ ކޮށްފައެވެ. ޓެކްސް ދެއްކުން ފަސްވުމުގެ ސަބަބުން ވިޔަފާރިވެރިން މީރާއަށް ޖޫރިމަނާ ދައްކަންޖެހޭކަން ވެސް ފާހަގަކޮށްފައިވެއެވެ. ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދޭނަމަ، ޓެކްސް ދެއްކުން ވެސް ލުއިކުރަން ޖެހޭ ކަމަށް ޚިޔާލުފާޅުކޮށްފައިވެއެވެ. "ސަރުކާރުގެ އެސްއޯއީތަކުން އަދިވެސް އަޅުގަނޑުމެންނަށް ކުރީ ސަރުކާރުގައި ކޮށްފައި ހުރި މަސައްކަތްތަކަށް ފައިސާ ނުލިބި އެބަހުރި، އެހެންނަމަވެސް މީރާއަށް އަޅުގަނޑުމެން ދައްކަންޖެހޭ ޓެކްސް ހަމަ އޭގެ ޒާތުގައި ވަގުތުން ވަގުތަށް ދައްކަމުން ދާންޖެހޭ، މި ކަމުގެ ސަބަބުން ޓެކްސްގެ ޖޫރިމަނާ އަރައި މާލީ ދަތިކަމުގެ ތެރެއިން އަރައިގަންނަން ހަރުމުދާ ވިއްކާ ހިސާބަށް ކަންތައްތައް ގޮސްފައި އެބަހުރި،" ބައްދަލުވުމުގައި ވާހަކަދެއްކި ވިޔަފާރިވެރިއަކު ބުންޏެވެ. އަދި ބައެއް ވިޔަފާރިވެރިން ވަނީ ކޮވިޑްގެ އާލަމީ ވަބާގައި ވިޔަފާރިތަކަށް ލިބުނު ބޮޑެތި ގެއްލުމުގެ ސަބަބުން، ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި އަދިވެސް އަތްމަތި ދަތިވެފައިވާކަން ފާހަގަކޮށްފައެވެ. އެހެނިހެން ޚަރަދުތައް ބަލަމުން މި ދަރަނި ދެއްކުން ދަތިކަން ބައެއް ވިޔަފާރިވެރިން ފާހަގަކުރިއެވެ. އެހެންކަމުން، އޭރު ސަރުކާރަށް ދައްކަންޖެހޭ ޓެކްސް މައާފުކުރުމަށް ވިޔަފާރިވެރިއެއް ވަނީ ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ. ޓެކްސް ލުއިތައް ދިނުމާ ގުޅޭގޮތުން މިރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ޓެކްސް ބްރޭކް ދިނުން ފަދަ ލުއިތަކުގެ މަޝްވަރާ، ވަޒީރުންގެ މަޖިލީހުގައި ކުރިއަށްދާކަން ހާމަކުރައްވާފައެވެ. ކުރީ ސަރުކާރުގެ ބިލުތައް ޝާމިލުވާ ގޮތަށް، އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ އެތައް ބިލިއަން ރުފިޔާ ނުދީ ހިފަހައްޓައި، ވިޔަފާރިތައް ބަނގުރޫޓުކޮށްލާފައިވާ ކަމުގެ ތުހުމަތުތައް ވެސް ސަރުކާރަށް އަމާޒުވެފައިވެއެވެ. ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ނުދައްކާ ހުރިހާ ފައިސާ މި އަހަރު ނިމެން ވާއިރަށް ދައްކައި ނިމޭނެ ކަމަށް ރައީސް ވަނީ މިދިޔަ މަހުގައި ވިދާޅުވެފައެވެ. https://sun.mv/214436 ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ދައްކަން ޖެހޭ 2.3 ބިލިއަން ރުފިޔާ ދެއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ރައީސް، މިދިޔަ މަހު, ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ