ރަޝިޔާއިން ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާއަކަށްފަހު، ޔޫކްރެއިންގެ ޗަރނީހިވް ސިޓީން އެއްކޮށް ކަރަންޓު ކެނޑިއްޖެ ރަޝިޔާއިން ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާއަކަށްފަހު، ޔޫކްރެއިންގެ ޗަރނީހިވް ސިޓީން އެއްކޮށް ކަރަންޓު ކެނޑިއްޖެ

ރަޝިޔާއިން މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދިން "ވަރުގަދަ" ހަމަލާއަކަށްފަހު، ޔޫކްރެއިންގެ ޗަރނިހިވް ސިޓީން އެއްކޮށް ކަރަންޓު ކެނޑި، އެތައް ލައްކަ ބަޔަކަށް އޭގެ އަސަރުކޮށްފި އެވެ.
ޗަރނިހިވްގެ ބޮޑު ސަރަހައްދަށް ބަލާއިރު، ނޮވްހޮރޮޑް-ސިވަރސްކީ އަވަށުގައި މީހުން ދިރިއުޅޭ ސަރަަހައްދުތަކަށް ހަމަލާދިނުމުގެ ސަބަބުން ހަތަރު މީހަކު މަރުވި ކަމަށް ރިޕޯޓުކޮށްފައި ވެ އެވެ. އޭގެ ތެރޭގައި 10 އަހަރުގެ އަންހެން ކުއްޖަކު ހިމެނޭއިރު އެ ހަމަލާތަކުގައި އިތުރު ދިހަ މީހަކު ޒަހަމުވެފައި ވެ އެވެ.
ރަޝިއާއިން ޔޫކްރެއިނަށް ދެމުންގެންދާ ހަމަލާތަކުގައި، ރަޝިޔާއިން ހަކަތައިގެ ސަޕްލައިތަކަށާއި، ރޭލު ދަތުރުފަތުރުގެ ނިޒާމަށާއި، ގެތަކަށާއި، ވިޔަފާރިތަކަށް އަމާޒުކޮށް، އާންމުންގެ އިންފްރާސްޓްރަކްޗަރއަށް ދޭ ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު، އެންމެ ފަހުން ހަމަލާދީފައިވަނީ އެ ގައުމުގެ އެންމެ އުތުރުގައި އޮންނަ މި ސަރަހައްދަށެވެ.
ޗަރނިހިވް ސަރަހައްދަކީ ރަޝިޔާ އާއި ބެލަރޫސްއާވެސް ގުޅިފައިވާ ސަރަހައްދީ ރޮނގެއް އޮންނަ ތަނެކެވެ.
އީރާނުން ސަޕްލައިކުރާ 'ޝާހިދު' ޑްރޯންގެ 100 ޑްރޯންއާއި ހަ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ދިން މި ހަމަލާތައް ޗަރނިހިވްގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ސީދާ އަމާޒުކުރުމުގެ ސަބަބުން މުޅި ސިޓީންނާއި، ވަށައިގެންވާ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިގެން ދިޔަ އެވެ.
ޗަރނިހިވް ރީޖަނަލް މިލިޓަރީ އެޑްމިނިސްޓްރޭޝަންގެ ނައިބު، އަންޑްރީ ޕޮޑޮރްވަން ބީބީސީއަށް ބުނެފައިވަނީ، މިއީ ގައުމުގެ ގިނަ ހިސާބުތަކުން ފެންނަމުންދާ ކަމެއް ކަމަށާއި، ފާއިތުވި މަސްތަކުގައި ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ.
"ގާތްގަނޑަކަށް ހަ މަހެއްހާ ދުވަހު އަޅުގަނޑުމެންގެ ސަރަހައްދުގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރއަށް އަމާޒުކޮށްގެން ހަމަލާދެމުން އެބަ. ފާއިތުވި ދެ މަސް ތެރޭގައި ހަމަލާތަކުގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެއްޖެ." އޭނާ ބުންޏެވެ.
ކަރަންޓުގެ ވިއުގައަށް ދިން ހަމަލާގެ ސަބަބުން، ފެން ޕަންޕްކުރާ ސްޓޭޝަންތަކުންވެސް ކަރަންޓު ކެނޑި، ފެނުގެ ސަޕްލައިއަށް ވަރަށް ބޮޑަށް އަސަރުކޮށްފައި ވެ އެވެ. ޔޫކްރައިންގެ ސަރުކާރުން ވަނީ އިމަޖެންސީކޮށް ފޯރުކޮށްދޭ ފެނަށް ބަރޯސާވުމަށާއި، ފެން ރައްކާކުރުމަށް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ