ބަންދުގެ މުއްދަތު ޖެހުމުގައި ތަފާތު ކުރާތީ ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައެއްނުގަތް ބަންދުގެ މުއްދަތު ޖެހުމުގައި ތަފާތު ކުރާތީ ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައެއްނުގަތް

އެކި މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށް ބަންދުުގެ މުއްދަތު ޖެހުމުގައި ކޯޓުތަކުން ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިނުގަނެ މަޖިލީހުގެ ރިޔާސަތުން ބޭރުކޮށްލީ، ކުއްލި މައްސަލައެއްގައި ހުންނަންޖެހޭ ޝަރުތުތައް މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ހަމަނުވާ ކަމަށް ބުނެ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 192 ވަނަ މާއްދާގެ ށ. ގައި ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރު ކުރާފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ސަރުކާރުން އެކަމާމެދު އަޅާފައިވާ ނުވަތަ އަޅާފައިނުވާ ފިޔަވަޅަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހެޅިފައިވާ މައްސަލައެއް ކަމަށް ބަޔާން ކޮށްފައިވޭ،" މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله ވިދާޅުވި އެވެ.
"އެހެންނަމަވެސް އިއްޒަތްތެރި މެންބަރު ފޮނުއްވާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 192 ވަނަ މާއްދާގެ ށ. ގައި ބަޔާން ކޮށްފައިވާ މި ދެންނެވި ޝަރުތުތައް ފުރިހަމަ ނުވާތީ އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅެން ނެތް ވާހަކަ ދަންނަވަން."
މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 17، 18 އަދި 20 ވަނަ މާއްދާގައި އެއްވެސް މީހަކު ތަފާތު ކޮށްގެން ނުވާނެ ކަމަށާއި ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާން ކޮށްފައިވާ ހައްގުތައް ކަށަވަރު ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.
އެހެންނަަމަވެސް އެކި މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންނަށް ބަންދުގެ މުއްދަތު ޖެހުމުގައި ކޯޓުތަކުން ތަފާތުކުރުން ގެންގުޅޭ ކަމަށް މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.
"ދެންނެވުނު ހައްގުތައް އެގޮތުގައި ބަޔާންވެފައިވީ ނަމަވެސް، ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގައި ހިމެނޭ އެންމެ މުހިންމު މުއައްސަސާތައް ކަމުގައިވާ ކޯޓުތަކުން، ދެންނެވުނު ހައްގުތަކަށް ރައްކާތެރިވުމުގެ ބަދަލުގައި، ފަރުދުންގެ މެދުގައި ގަސްތުގައި ތަފާތުކުރަމުންދާ ކަމާއި، އެ ތަންތަނަށް ހުށަހެޅޭ މައްސަލަތަކުގައި ކަނޑައެޅިގެން ތަފާތުކޮށް އަމަލު ކުރަމުންދާކަން ނުހަނު ބޮޑަށް ފާހަގަވާން ފަށާފައިވީ ހިނދު.." މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.
އޭގެ މިސާލު ދައްކަވަމުން މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ ޔުމްނުގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް ކޯޓުން ދިނީ އެންމެ ތިން ދުވަސް ކަމަށާއި މިދިޔަ އޮކްޓޯބަރު 27، ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ، ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ އަތުން ފައިސާ ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހުންނަށް ކޯޓުން ޖެހީ ފަސް ދުވަހުގެ ބަންދުގެ މުއްދަތު ކަމަށެވެ.
އެހެންނަމަވެސް، އޮކްޓޯބަރު 3، ގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށާއި ކެފޭއަކަށް ވަދެ ކެއުމަށްފަހު ބިލު ނުދައްކައި ދިޔަ މީހެއްގެ ބަންދަށް 10 ދުވަސް ޖަހާފައިވާކަން މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ