ލަންޑަން (އޮކްޓޫބަރު 30) - އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުން ރޭ ލިވަޕޫލް ކެޓިއިރު، އާސެނަލާއި ޗެލްސީ އަދި މެންޗެސްޓާ ސިޓީން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ފޯމު ގެއްލިފައި އޮތް ލިވަޕޫލް އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން ބަލިވީ 3-0 އިންނެވެ. ބްރައިޓަން އަތުން 2-0 އިން އާސެނަލް މޮޅުވިއިރު، ސިޓީން ވަނީ 3-1 އިން ސްވަންސީ ބަލިކޮށްފަ އެވެ. އަދި، ވުލްވްސް އަތުން ޗެލްސީ ވަނީ 4-3 އިން މޮޅުވެފަ އެވެ.
ފުރަތަމަ އެގާރައިގައި ހިމެނޭ ގިނަ ކުޅުންތެރިން ނުލައި އަމިއްލަ ދަނޑުގައި ކުުޅުނު ލިވަޕޫލް ކޮޅަށް ޕެލަސް އިން ލަނޑުތައް ޖެހީ އިސްމާއިލާ ސާ ދެ ގޯލާއި ޔެރެމީ ޕިނޯ އެވެ. ލިވަޕޫލް މި ވަނީ އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ބަލިވެފަަ އެވެ. އަދި، ޕެލަސްއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ލިވަޕޫލަށް މޮޅެއް ނުލިބޭއިރު، މި ސީޒަނުގައި ޕެލަސް އިން މި ވަނީ ތިން ފަހަރު ލިވަޕޫލް ބަލިކޮށްފަ އެވެ. އެއީ، ޗެރިޓީ ޝީލްޑް މެޗާއި ޕްރިމިއާ ލީގުގަޔާއި ލީގު ކަޕްގަ އެވެ.
ބްރައިޓަން އަތުން އާސެނަލް މޮޅުކޮށްދިން ދެ ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. މި ލަނޑުތައް ޖެހީ އީތަން ވަނޭރީ އާއި ބުކާޔޯ ސަކާ އެެވެ. އާސެނަލުން މި ވަނީ މި މަހު ކުޅުނު ހަ މެޗުން ވެސް ކޮޅަށް ގޯލެއް ނުވަދެ މޮޅުވެފަ އެވެ. އެ ޓީމަކީ އިނގިރޭސި ފުޓްބޯޅަ ތާރީހުގައި ވެސް ކޮޅަށް ގޯލެއް ނުވަދެ، އެއް މަސް ތެރޭ ހަ މެޗުން މޮޅުވި ފުރަތަމަ ކްލަބް އެވެ.
ސްވަންސީގެ ގޮންޒާލޯ ފްރާންކޯ އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް ސިޓީ މޮޅުވީ، ފަަހަތުން އަރަ އެވެ. ޖެރެމީ ޑޮކޫގެ ގޯލުން ސިޓީން އެއްވަރުކުރިއިރު، މޮޅުވި ލަނޑުތައް ޖެހީ އޮމަރު މާމޫޝް އާއި ރަޔާން ޗާކީ އެވެ.
ރަށުންބޭރުގައި ކުޅުނު ޗެލްސީން އަންދްރޭ ސަންޓޯސް އާއި ޓައިރިކް ޖޯޖް އަދި އެސްޓެވާއޯގެ ލަނޑުތަކުން ފުރަަތަމަ ހާފުގައި ތިން ގޯލުގެ ލީޑެއް ނެގި އެވެ. ދެ ވަނަ ހާފުގައި ކުޅެން އަރައި، ވުލްވްސް އިން ވަނީ ދެ ލަނށު ޖަހައިފަ އެވެ. މި ލަނޑުތައް ޖެހި ޓޯލޫ އަރޮޑޮކާރޭ އާއި ޑޭވިޑް މޮލާ ވޯލްފާ އެވެ. ޗެލްސީގެ ލިއަމް ޑެލަޕް އަށް 86 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތެއް ދެއްކިތާ ތިން މިނިޓް ފަހުން، ޖޭމީ ގިޓެންސް ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. ވުލްވްސްގެ ފަހު ލަނޑު އިތުރު ވަގުތުގައި ޖެހި ވޯލްފާ އެވެ.
އެންމެ ފަހުގެ ލީގު ކަޕްގެ ޗެމްޕިއަން، ނިއުކާސަލް ޔުނައިޓެޑުން ކުއާޓާ ފައިނަލަށް ދަަތުރުކުރީ ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 2-0 އިން މޮޅުވެގެންނެވެ.
ކުއާޓާ ފައިނަލުގައި އާސެނަލުން ޕެލަސްއާ ކުޅޭއިރު، ކާޑިފް ސިޓީން ބައްދަލުކުރާނީ ޗެލްސީއާ އެވެ. ސިޓީން ބްރެންޓްފޯޑާއި ކުޅޭއިރު، ނިއުކާސަލުން ވާދަކުރާނީ ފުލަމްއާ އެވެ.
ލިވަޕޫލް ކެޓިއިރު، އާސެނަލާއި ޗެލްސީ އަދި ސިޓީ ކުއާޓާ އަށް ލިވަޕޫލް ކެޓިއިރު، އާސެނަލާއި ޗެލްސީ އަދި ސިޓީ ކުއާޓާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ