33 އަހަރަށް ފަހު ރިޔާޒްގެ ވަދާއީ މެސެޖު: ކޮރަޕްޓެއް ނުވަން، ނުވެސް ވާނަން!

ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށާއި, ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް, 33 އަހަރު ފަހުން އިއްޔެ ކަސްޓަމްސްއިން ވަކި ކުރެއްވި މަހްމޫދު ރިޔާޒް މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖެއަށް ވަގަށް އެތެރެކުރި ގިނަ އަދަދެއްގެ, ސިނގިރޭޓާ ގުޅޭ މައްސަލައަކާ ގުޅިގެން ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން އިއްޔެ ވަނީ މަގާމުން ވަކި ކުރައްވައިފައެވެ. އެއީ, އަބްދުﷲ ވަހީދާއި މަހްމޫދު ރިޔާޒެވެ. ދެ ބޭފުޅުންނަކީ ވެސް 32 އަހަރަށް ވުރެ ގިނަ ދުވަހު ކަސްޓަމްސްއަށް ޚިދުމަތްކުރައްވާފައިވާ ދެ ބޭފުޅުންނެވެ. ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އަބްދުﷲ ވަހީދު އައްޔަންކުރީ ޖަނަވަރީ 3، 2024 ގައެވެ. މަހުމޫދު ރިޔާޒް އެ މަގާމަށް އައްޔަންކުރީ 2020 ވަނަ އަހަރެވެ. https://www.sun.mv/213278 ޚިދުމަތުގައި 33 އަހަރު ވެފައިވަނިކޮށް, ހުތުރު ތުހުމަތެއްގައި ވަޒީފާއިން ވަކި ކުރެއްވި ރިޔާޒު، ކަސްޓަމްސްގެ ކޮމިއުނިޓީ ގުރޫޕަށް ފޮނުއްވި މެސެޖެެއްގައި ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ. "މާތްالله ގަންދީ ހުވާކޮށްފައި ބުނަން ގޯސް ކަމެއްގައި ބައިވެރިވެފައެއް ނުވާނެ. އަދި، ނުވެސް ވާނަން," ރިޔާޒް ލިޔުއްވާފައިވެއެވެ. މިފަދަ ދަނޑިވަޅެއްގައި ތަފާތު ވާހަކަތައް ދެކެވޭނެ ކަމަށާއި ނަމަވެސް އޭނާގެ އިންޓަގްރިޓީއާ މެދު އިތުބާރު ކުރެއްވުމަށް ރިޔާޒް މެސެޖުގައި އެދިލައްވާފައިވެއެވެ. އަދި، ކުރިއަށް އޮތްތަނުގައި ވެސް އޭނާ ހުންނަވާނީ ހިފަހައްޓަވާ ރަނގަޅު އުސޫލުތަކުގައި ކަމަށް ރިޔާޒް ވިދާޅުވިއެވެ. އެތައް އޮފިސަރުންނެއް ރިޔާޒުގެ ދިފާއުގައި ރިޔާޒް މަގާމުން ވަކިކޮށްފައިވާއިރު ކަސްޓަމްސްގެ އެތައް މުވައްޒަފުންނެއް އަންނަނީ އޭނާގެ ދިފާއުގައި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންނެވެ. ކަސްޓަމްސްގައި މަސައްކަތް ކުރައްވާ މުހައްމަދު ޝާހިދު, އޭނާގެ ފޭސްބުކުގައި ލިޔުއްވާފައިވާ ގޮތުގައި މި ވޭތުވެދިޔަ 33 އަހަރުގެ ތެރޭގައި ރިޔާޒަށް މިފަދަ ތުހުމަތެއް ކުރެވުނު އަޑު ވެސް ނާއްސަވާ ކަމަށާއި މިފަދަ ބޮޑު ތުހުމަތެއްގައި މަގާމުން ވަކި ކުރުމަކީ ދެރަ ކަމެކެވެ. "އުމުރު ދުވަހު ޚިދުމަތް ކުރި މީހަކާމެދު މިގޮތަށް އަމަލުކޮށްގެން ނުވާނެ," ޝާހިދު ލިޔުއްވާފައިވެއެވެ. ކަސްޓަމްސް އޮފިސަރެއް ކަމަށްވާ, ފާތިމަތު އަބްދުލް ރަހުމާން އޭނާގެ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވަނީ އިއްޔެއަކީ ކަސްޓަމްސްގެ ތާރީޚުގައި ވެސް ކަޅު ދުވަހެއް ކަމަށެވެ. ރިޔާޒަކީ ވަރަށް އިހުލާސްތެރި ބޭފުޅެއް ކަމަށާއި އެކަމާ ޝައްކެއް ނެތް ކަމަށް އޭނާ ލިޔުއްވާފައިވެއެވެ. މިދިޔަ ސަރުކާރުގައި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލަކަށް ހުންނެވި އަބްދުالله ޝަރީފް ފޭސްބުކުގައި ލިޔުއްވާފައިވަނީ އޭނާ ރިޔާޒާ އެކު 30 އަހަރު މަސައްކަތްކުރެއްވިއިރު ވެސް ފެނިފައިވަނީ ވަރަށް ގާބިލު, އަދި ޕްރޮފެޝަނަލް ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. "ރިޔާޒަކީ ކަސްޓަމްސްއަށް ބޭނުންވާ އިންޓަގްރިޓީ ހުރި ރޯލް މޮޑެލްއެއް. ވޭތުވެދިޔަ 33 އަހަރު ތެރޭގައި ގިނަ ގޮންޖެހުންތަކަކާ އޭނާއަށް ކުރިމަތިވި،" ޝަރީފް ވިދާޅުވިއެވެ. ރިޔާޒު ވަކިކުރި، ވަކި ކުރުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށް ވިދާޅުވެ ޝަރީފް ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ނިންމެވުން ރަނގަޅަށް ބެއްލެވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ވެސް އެކި ލެވަލްގެ ގިނަ އަދަދެއްގެ ކަސްޓަމްސް މުވައްޒަފުން އަންނަނީ ރިޔާޒުގެ ދިފާއުގައި ޝުއޫރު ފާޅު ކުރަމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 'ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް'ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓު ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުކަމުގައި ތިއްބެވި ދެ ބޭފުޅުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ވަކިކޮށްފައިވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، މި ނިންމުން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށް ފަހު، މަޖިލީހުން ފޮނުވި ސިޓީގައި ދެއްވާފައިވާ ލަފައަށް ރިއާޔަތްކޮށް ކަމަށެވެ. މިއީ ހޯކްސްގެ ތެޔޮ ބޯޓެއްގައި ރާއްޖެ އެތެރެކުރި ސިނގިރޭޓުތަކުގެ މައްސަލައާއި، ބޮންޑެޑް ވެއާހައުސްގައި ބަހައްޓާފައި ހުއްޓާ ކަސްޓަމްސްއަށް ނޭނގި، ގަވާއިދާ ޚިލާފަށް އެ ސިނގިރޭޓުތައް ނެރުނު މައްސަލައެވެ. ރައީސް މުއިއްޒު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާ ގުޅޭ ގޮތުން އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، ފިޔަވަޅު އަޅަން ކަސްޓަމްސްއަށް އަންގަވާފައިވާ ކަމަށެވެ. އެކަމަކު، އެ މުވައްޒަފުންނާ ގުޅޭ އެއްވެސް ތަފުސީލެއް ހިއްސާކުރައްވާފައެއް ނުވެއެވެ. ހޯކްސް ކުންފުނީގެ ޖަވާހިރު ބޯޓުން ވަގަށް އެތެރެކުރަން މަސައްކަތްކުރި ސިނގިރޭޓުތަކެއް ކަސްޓަމުން ހިފެހެއްޓީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލައިގައި ފުލުހުން ބުނީ، ރާއްޖެއަށް މެންޗެސްޓާ ބްރޭންޑު ސިނގިރޭޓުގެ 200 މާސްޓާ ކާޓަން ހޯކްސްގެ ބޯޓަކުން ވަގަށް އެތެރެކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ވެއާހައުސްގައި ހުރި ސިނގިރޭޓު ޝިޕްމަންޓެއް ގެއްލުނު މައްސަލަ ފެންމަތިވީ އޭގެ ފަހުންނެވެ. ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނާ ރާއްޖެއަށް ގެނެސްފައިވާ ކަމަށާއި އޮކްޓޫބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން ރާއްޖެއަށް އެތެރެކުރި ކަމަށް ވެސް ފުލުހުން ތުހުމަތުކޮށްފައިވެއެވެ. މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓު މިހާރު ވެސް ރާއްޖޭގެ ބާޒާރުގައި ސިއްރުން އަންނަނީ ވިއްކަމުންނެވެ. އެ ބްރޭންޑުގެ ސިނގެރޭޓު ވިއްކަނީ ވަރަށް ހެޔޮ އަގުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ