މަހުމޫދު ރިޔާޒު ކަސްޓަމްސްއިން ވަކިކުރި މައްސަލަ ބަލައިދޭން އެދި މަޖިލީހަށް

ގާނޫނާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރި މައްސަލައާ ގުޅިގެން އިއްޔެ މަގާމުން ވަކިކުރި ކަސްޓަމްސްގެ ޑެޕިޔުޓީ ކޮމިޝަނަރު މަހުމޫދު ރިޔާޒުގެ ނުރަނގަޅު އެއްވެސް ރެކޯޑެއް އޮތްތޯ ބަލައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ ދަ ހޯކްސްގެ ބޯޓެއްގައި ގަވައިދާ ހިލާފަށް ސިނގިރޭޓު އެތެރެކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)ން ދިރާސާކޮށް އެ ކޮމެޓީއަށް ފާހަގަވި ކަންތަކާ ގުޅޭ ސިޓީއެއް ރައީސް މުހައްމަދު މުއިއްޒަށް ވަނީ ފޮނުވައިފަ އެވެ.
އޭގެ ފަހުން:
މަހުމޫދު ރިޔާޒާއި ކަސްޓަމްސްގެ ޑެޕިޔުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ވަހީދު އިއްޔެ މަގާމުން ވަކިކުރީ އެ ސިޓީގައިވާ މައުލޫމާތުތަކާއި ލަފާތަކަށް ރިއާޔަތްކޮށް ކަމަށް ރައީސް ވިދާޅުވި
ތަފްސީލް - މަހުމޫދު ރިޔާޒު މަގާމުން ވަކިކުރި މައްސަލަ ބަައިދޭން އެދި މެންބަރު މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުން އޭނާއަކީ 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް އިހުލާސްތެރިކަމާ އެކު ކަސްޓަމްސްގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.
ކަސްޓަމްސްގެ ކުރީގެ ކޮމިޝަނާ ޖެެނެރަލް އަބްދުﷲ ޝަރީފް ވެސް ވަނީ ކުއްލި ގޮތަކަށް މަހުމޫދު ރިޔާޒު މަގާމުން ވަކިކުރެއްވުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ސޯޝަލް މީޑިއާގައި ޝަރީފް ވިދާޅުވީ މަހުމޫދު ރިޔާޒާ އެކު 30 އަހަރު ކަސްޓަމްސްގައި މަސައްކަތް ކުރެއްވި ކަމަށާއި އޭނާގެ ފަރާތުން ފެނުނީ އިހުލާސްތެރިކަމާއި އަމާނާތްތެރިކަމާ އެކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރައްވާތަން ކަމަށެވެ.
މީގެ އިތުރުން މަހުމޫދު ރިޔާޒަކީ ކަސްޓަމްސްގެ މުވައްޒަފުންގެ އިހުތިރާމު ލިބިވަޑައިގެން ހުންނެވި، އަމިއްލަ މަސައްކަތުން ކުރިއެރުން ހޯއްދެވި ބޭފުޅެއް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވަނީ ރައީސް މުހައްމަދު މުއިއްޒުގެ ނިންމެވުމާ މެދު އަލުން ވިސްނައިވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ. އަދި ކުއްލިއަކަށް ނިންމެވި އެ ނިންމެވުމަކީ މަހުމޫދު ރިޔާޒުގެ މުޅި ކެރިއަރަށާއި ކަސްޓަމްސްއަށް އޮންނަ އިތުބާރަށް ވެސް އަސަރު ކުރާނެ ކަމެއްކަން ކުރީގެ ކޮމިޝަނަރު ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ