އިރުފާން ތަގިއްޔުގެ މައްސަލަ ބޭރުކޮށްލައި، އަނެއް 2 މީހުންގެ މައްސަލަ ބަލައިގެންފި

މައްސަލަ ރަޖިސްޓްރީކުރަން ދައްކަން ޖެހޭ 300 ރުފިޔާ ނުދެއްކި ކަމަށް ބުނެ، 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ، އިރުފާން ތަގިއްޔުގެ މައްސަލަ ބޭރުކޮށްލުމަށް ފަހު، ހަމަ އެ މައްސަލައިގައި ހިމެނޭ އަނެއް ދެ މީހުންގެ މައްސަލަ ހައިކޯޓަށް ބަލައިގެންފިއެވެ. ހައިކޯޓުގެ ރަޖިސްޓްރާ، މަރްޔަމް ހޫރުޝިދާ ސޮއިކޮށް މިދިޔަ ހަފުތާގައި ހައިކޯޓުން ބޭރުކޮށްލި މައްސަލައަކީ، މަސްދޯންޏެއްގައި 72 ކިލޯ ޑުރަގު އެތެރެކުރި މައްސަލައިގައި ދައުވާ ލިބުނު ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރަން ހުށަހެޅި މައްސަލައިގެ ތެރެއިން، އިރުފާން ތަގިއްޔު، ސ. ހުޅުދޫ ދޭލިއާގެ މައްސަލައެވެ. އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލި ނަމަވެސް، ހަމަ އެ މައްސަލައާއި އެކު އެއް ދުވަހަކު އިސްތިއުނާފުކުރި އަނެއް ދެ މައްސަލަ ކޯޓަށްވަނީ ބަލައިގެންފައެވެ. އެއީ، މުޙައްމަދު އަކްރަމް، ހ. ގާޑްންބިޔުޓީ އަދި، ދ.މާއެނބޫދޫ / އަނބުގަސްދޮށުގޭ އަހްމަދު ނަސީރުގެ މައްސަލައެވެ. މި ތިން މައްސަލައަކީ ވެސް އެއް ދުވަހަކު ހުކުމްކުރި، އަދި އެއް ދުވަހަކު އިސްތިއުނާފުކުރި ތިން މައްސަލައެވެ. އިރުފާން ތަގިއްޔުގެ މައްސަލަ ރަޖިސްޓްރީނުކޮށް ބޭރުކޮށްލި މައްސަލަ އަލުން ބަލައިދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުންވަނީ ބުނެފައެވެ. ހައިކޯޓުގެ އެ ނިންމުން، ދައުލަތުން އަލުން ބަލައި ދިނުމަށް ހައިކޯޓުގައި އެދިފައިވާއިރު، އެ ނިންމުމަކީ ހައިކޯޓުން އިސްވެ މުރާޖަޢާކުރަންޖެހޭ ނިންމުމެއް ކަމަށް ދެކޭ ކަމަށް ވެސް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ. މި މައްސަލައަކީ، މި 72 ކިލޯގެ ޑްރަގަކީ "މަސްޖަރީ 2" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ރާއްޖެ އެތެރެކުރުމަށް ފަހު، "ޕްރިންސަސް ސަމީރާ" ލޯންޗުގައި މާލެ ގެނެސް ކާރެއްގައި ފޮރުވާފައި ހުއްޓާ އަތުލައިގަތް ޑްރަގްސްތަކެކެވެ. މި މައްސަލައިގައި 10 މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް، އެކި މައްސަލަތަކާ ހުރެ، ދައުވާކުރީ މި ކަމުގައި އިސްކޮށް ހަރަކާތްތެރިވީ ކަމަށް ބުނާ، އިރުފާން ތަގިއްޔުގެ އިތުރުން އަހްމަދު ނަސީރު އަދި މުހައްމަދު އަކްރަމްގެ މައްޗަށެވެ. މިއިން އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ