ވެމްކޯ ކަޓުވާލައި އާރްއާރްސީން ކިންގްސް ކަޕް ސެމީ އަށް ވެމްކޯ ކަޓުވާލައި އާރްއާރްސީން ކިންގްސް ކަޕް ސެމީ އަށް

ކްލަބް މޯލްޑިވްސް ކަޕާއި ކިންގްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯއާ 1-1 އިން އެއްވަރުކޮށް އެ ޓީމު ކަޓުވާލުމަށް ފަހު، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން މި ފަހަރުގެ ކިންގްސް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ރޭގެ މެޗަށް ނުކުތްއިރު ގްރޫޕް ބީން ސެމީ ފައިނަލުގެ ޖާގައެއް ހޯދުމަށް ވެމްކޯ އަށް އޮތީ މޮޅެއް ހޯދުން މަޖުބޫރުވެފަ އެވެ. އެކަމަކު، ވެމްކޯގެ ކެޕްޓަން، އަލީ ޝިޔާހު (ޝިޔަޅޭ) ގޯލެއް ޖަހައި އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، އެ ޓީމުން ހަ ވަނަ ފައުލެއް ކުރުމުން ލިބުނު ދުރު ޕެނަލްޓީ ޝަނާން ރަޝާދު ވަނީ ގޯލަށް ވައްދާލައި އާރްއާރްސީ އަށް އެއްވަރުކޮށްދީފަ އެވެ. ޝަނާން މި ގޯލު ޖެހުމުގެ ކުރިން، ވެމްކޯގެ ލީޑުފުޅާކުރަން ޝިޔާހު އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ.
މި ގްރޫޕުން ސެމީގެ އަނެއް ޖާގަ ހޯދީ ރޭ ކުޅިވަރު ވުޒާރާ ކްލަބް އަތުން 3-2 އިން މޮޅުވި، ޖޯލި މޯލްޑިވްސް އެވެ. ޖޯލި އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، މޫސާ ލަތީފް، މުހައްމަދު ޖުމާން އަހުމަދު އަދި އިސްމާއިލް އީސާ (މެސީ) އެވެ. ކުޅިވަރު ވުޒާރާގެ ލަނޑުތައް ޖެހީ، އަހުމަދު މާއިޝް ރަޝީދު (މާއި) އެވެ.
ޖޯލި މޯލްޑިވްސް އިން މި ގްރޫޕްގެ އެއް ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ރޯޑް ރެކްރިއޭޝަން ކްލަބް އަށް ހަ ޕޮއިންޓް ލިބުނުއިރު، ތިން މެޗުން ވެސް އެއްވަރުވި ވެމްކޯގެ އޮތީ ތިން ޕޮއިންޓެވެ. އަދި ފުލަށް ދިޔަ ކުޅިވަރު ވުޒާރާ އަށް ޕޮއިންޓެއް ލިބިފައިވެ އެވެ.
ގްރޫޕް އޭގެ ފަހު މެޗުތަކަށް ނުކުތްއިރު، ސެމީގެ ޖާގަ ޔަގީންކޮށްފައި އޮތީ ޓީމު ނައިވާދޫންނެވެ. އެ ޓީމުން ގްރޫޕް ފަހު މެޗުގައި، 3-3 އިން ޓީމު ކާށިދޫއާ އެއްވަރުކޮށް ހަތް ޕޮއިންޓާ އެކު ގްރޫޕް އެއް ވަނަ ހޯދި އެވެ. ގްރޫޕްގެ ދެ ވަނަ މަގާމަށް ވާދަކުރީ އޭދަފުށީ ސީސީ ސްޕޯޓްސް ކްލަބާއި އައްޑޫ ސިޓީ މައިލޯ ސިޓީ އެވެ. ސީސީން 2-0 އިން އެ މެޗުން މޮޅުވެ، ހަ ޕޮއިންޓާ އެކު ގްރޫޕް ދެ ވަނަ ހޯދި އެވެ. ތިން ވަނަ އަށް ދިޔަ މައިލޯ އަށް ވަނީ ތިން ޕޮޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗުގައި، ނައިވާދޫގެ ލަނޑުތައް ޖެހީ، ޔާނިއު މުހައްމަދު ފާއިޒް، ޔޫސުފް ޝާއިފު އަދި އަހުމަދު ހަމީދު (އައްމަޑޭ) އެވެ. ކާށިދޫގެ ލަނޑުތައް ޖެހީ އިސްމާއިލް ރަޔާން އާއި މުހައްމަދު އަޖުވަދު ސޮލާހު ދެ ގޯލެވެ.
ހޮނިހިރު ދުވަހު ކުޅޭ ސެމީ ފައިނަލް މެޗުތަކުގައި، ޖޯލިން ނުކުންނާނީ ސީސީއާ ދެކޮޅަށެވެ. އަދި، ރޯޑް ރެކްރިއޭޝަން ކްލަބުން ބައްދަލުކުރާނީ ނައިވާދޫއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ