މުއިއްޒުގެ ކެމްޕޭނަށް 2.5 މިލިއަން ހަރަދުކުރި ކަމަށް ބުނާ ޒާހިރުގެ އެކައުންޓުތަކުގައި އެންމެ 500 ރުފިޔާ ވެސް ނެތް މުއިއްޒުގެ ކެމްޕޭނަށް 2.5 މިލިއަން ހަރަދުކުރި ކަމަށް ބުނާ ޒާހިރުގެ އެކައުންޓުތަކުގައި އެންމެ 500 ރުފިޔާ ވެސް ނެތް

ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭނަށް ބޮޑު އަދަދަކުން ހަރަދުކުރި، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު ޒާހިރުގެ އެކައުންޓުގައި 500ރ. ވެސް ނެތް ކަމަށް އޭނާގެ މާލީ ބަޔާނުން ދައްކައިފި އެވެ.
މަޖިލިސް މެންބަރުންގެ މާލީ ބަޔާންތަކުގައި މައުލޫމާތު ހިމަނާފައި ވަނީ މެއި 28، 2024، އިން ފެށިގެން މެއި 27، 2025، ގެ ނިޔަލަށް ހޭދަވި އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.
ޒާހިރުގެ މާލީ ބަޔާނުގައި، ބުނެފައިވާ ގޮތުން އެ މުއްދަތުގައި އޭނާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ މަޖިލީހުން މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބުނު 846،032ރ. އެވެ. ވިޔަފާރީގެ ގޮތުން، އަދި އެހެން ގޮތަކުން ވެސް އޭނާއަށް އިތުރު އާމްދަނީއެއް ލިބިފައެއް ނުވެ އެވެ.
މުއިއްޒުގެ ރިޔާސީ ކެމްޕޭނުގެ ހަރަދުތައް ހިމެނޭ، ކެންޑިޑޭޓުގެ މާލީ ބަޔާނުގައިވާ ގޮތުން އެމަނިކުފާނުގެ ކެމްޕޭނަށް ވަކިވަކި ފަރުދުންގެ ފަރާތުން 9.7 މިލިއަން ރުފިޔާގެ ތަކެތި ކެމްޕޭނަށް ހަރަދުކުރި އެވެ.
އޭގެ ތެރެއިން 2.5 މިލިއަން ރުފިޔާގެ ތަކެތި ހަރަދުކުރީ ޒާހިރު ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. މުއިއްޒުގެ ކެމްޕޭނަށް ޒާހިރު ހަރަދުކުރި ތަކެތީގެ ތަފުސީލުގައި ޖަހާފައިވަނީ "ދަތުރާއި، ކެޔުމާއި، ހުރުމާއި، މެޓީރިއަލްސް،" އެވެ.
ރައީސްގެ ކެމްޕޭނަށް ބޮޑު ހަރަދެއް ކުރުމަށްފަހު، މަޖިލީހަށް ޕީއެންސީ ޓިކެޓުގައި ހޮވުނު ނަމަވެސް، ޒާހިރުގެ އެކައުންޓުތަކުގައި މިހާރު ފައިސާއެއް ނެތެވެ. އޭނާގެ މާލީ ބަޔާނުގައި ހިމަނާފައިވާ ބީއެމްއެލް އަދި އެމްއައިބީ އެކައުންޓުތަކުގައި ހުރީ އެންމެ 487ރ. އެވެ.
މި އަހަރުގެ ފެބްރުއަރީ މަހު އޭނާ އިސްލާމިކް ބޭންކު މެދުވެރިކޮށް 852،727ރ. ގެ ލޯނެއް ނެގި ނަމަވެސް އެ ފައިސާ ވެސް އޭނާގެ އެކައުންޓެއްގައި މިވަގުތު ނެތެވެ. ބީއެމްއެލްގެ ޑޮލަރު ކްރެޑިޓު ކާޑެއްގެ އިތުރުން އޭނާގެ ނަމުގައި ވިޔަފާރިއެއް، ބިމެއް އަދި އުޅަނދެއް ވެސް ނެތެވެ.
މުއިއްޒުގެ ކެމްޕޭނަށް އޭނާ ހަރަދުކުރީ ކޮން ގޮތަކުން ލިބުނު ފައިސާއެއް ކަމެއް ސާފެއް ނޫނެވެ.
މަޖިލިސް ވެބްސައިޓުން ފެންނަންހުރި 88 މެންބަރުންގެ ބަޔާނުގެ ތެރެއިން ގިނަ މެންބަރުންގެ ނަމުގައި އެކި ބޭންކުތަކުގައި ލޯނު އެބަހުއްޓެވެ. ބައެއް މެންބަރުންގެ ނަމުގައި އެތައް މިލިއަން ރުފިޔާއަކާއި އެތައް ހާސް ޑޮލަރެއްގެ ލޯނު އެބަހުއްޓެވެ.
ހުރިހާ މެންބަރުންގެ ނަމުގައި ލޯނުގެ ގޮތުގައި ނުދައްކާ ހުރި ފައިސާގެ ތެރޭގައި ހިމެނެނީ 165،743،295ރ. އާއި 21،531،593 ޑޮލަރެވެ. ބޭންކު ރޭޓަށް ބަލާނަމަ ޑޮލަރުން ހުރި ލޯނުތަކާއެކު ޖުމްލަ ލޯނުގެ އަދަދު 497،760،459ރ. އަށް އަރަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ