ސައުދީ ރަސްގެފާނު ސިއްހީ ޓެސްޓުތަކެއް ހައްދަވަނީ

އުމުރުފުޅުން މިހާރު 90 އަހަރުގެ ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒް، ސިއްހީ ގޮތުން ޓެސްޓުތަކެއް ހައްދަވަމުން ގެންދަވާކަމަށް އެ ގައުމުގެ ޝާހީ ކޯޓުން ބުނެފިއެވެ. ސައުދީގެ ޝާހީ ކޯޓުން ބުނީ، ރަސްގެފާނު ސަލްމާން، ކިންގް ފައިސަލް ހޮސްޕިޓަލުގައި ޓެސްޓުތަކެއް ހައްދަވަމުން ގެންދަވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ. ސައުދީ ރަސްގެފާނު އެންމެފަހުން ފަރުވާ ހޯއްދެވީ ފުއްޕާމޭގެ އާލާސްކަންފުޅެއްގައި 2024ވަނަ އަހަރެވެ. ނަމަވެސް މިހާރު ރަސްގެފާނު ހައްދަވަމުން ގެންދަވާ ޓެސްޓުތަކަކީ، އެއްވެސް އާ އާލާސްކަންފުޅެއްގެ ސަބަބުން ހައްދަވާ ޓެސްޓުތަކެއްކަން ވެސް އެ ގައުމުގެ ރަސްމީ އިދާރާތަކުން ކަށަވަރުނުކޮށްދެއެވެ. ސަލްމާނަކީ އެ ގައުމުގެ ހަތްވަނަ ރަސްކަލެވެ. ސަލްމާނަށް ރަސްކަން ލިބިވަޑައިގަތީ 2015ވަނަ އަހަރު، އެއިރުގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އަވަހާރުވުމުންނެވެ. ނަވާރަސަތޭކަ ތިރީސްފަސްވަނަ އަހަރު އުފަންވެވަޑައިގެންނެވި ރަސްގެފާނު ސަލްމާނަކީ، ސައުދީ އަރަބިއްޔާގެ އެންމެ ފުރަތަމަ ރަސްގެފާނު އަބްދުލްއަޒީޒް އާލް ސައުދުގެ 25ވަނަ ދަރިކަލުންނެވެ. އޭނާއަކީ މީގެ ކުރީގެ ސައުދީ ރަސްކަލުންނަށް ލަފާ އެރުވުމާއި، ޝާހީ އާއިލާގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދައިކުރެއްވުމުގައި ވެސް އިސް ބޭފުޅެކެވެ. ރަސްގެފާނު ސަލްމާނަށްފަހު ދެން ސައުދީ ރަސްކަމާ ހަވާލުވެވަޑައިގަންނަަވާނީ މިހާރުގެ ވަލީ އަހުދު، ސަލްމާންގެ ދަރިކަލުން މުޙައްމަދު ބިން ސަލްމާން (އެމްބީއެސް)އެވެ. މިހާރު ވެސް ސައުދީގެ ވެރިކަމުގައި ނިންމާ މުހިންމު ނިންމެވުންތައް ނިންމަވަނީ އަދި ބައިނަލްއަގްވާމީ މަސްރަހުގައި ސައުދީ ތަމްސީލްކުރައްވުމުގައި ވެސް އެންމެ އިސްކޮށް އުޅުއްވަނީ އެމްބީއެސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ