އަހަރުތަކަކަށް ފަހު، ޕީސް ފައުންޑޭޝަނުން 'ދަ ލެގަސީ' މި އަހަރު ބާއްވަނީ

ޕީސް ފައުންޑޭޝަންގެ "ދަ ލެގަސީ" މި އަހަރު ބާއްވާނެކަން އެ ޖަމިއްޔާއިން އިއުލާނުކޮށްފިއެވެ. އެ ހަރަކާތުގެ މި އަހަރުގެ ޝިއާރަކީ، "ގުޅުންތައް އާލާކުރުން" ކަމަށްވާއިރު، ފަސް ހަރަކާތެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އެއީ، މާލެއާއި ހުޅުމާލޭގައި ބޭއްވޭ ބޮޑު ދެ ދަރުހުގެ އިތުރުން ދެ ވޯކްޝޮޕާއި ފެމިލީ ޑިނާ ނައިޓެކެވެ. މި ހަރަކާތުގެ ތެރެއިން އަންނަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބޮޑު ދަރުހެއް އޮންނާނެއެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި، މި ދަރުހުގައި އަލި އަޅުވާލާނީ ރަސޫލާ އިސްލާމީ އުންމަތުގެ އިންސާނީ ވަސީލަތް ބިނާކުރުމާއި ތަރައްގީ ކުރުމަށް ބޭނުންކުރެއްވި "އިމޯޝަނަލް އިންޓެލިޖެންސް"ގެ އުކުޅުތަކަށެވެ. އެ ކަމުގެ ސަބަބުން އެކަލޭގެފާނު އުޅުއްވި އިސްލާމީ މުޖްތަމަޢުއަށް އައި ބަދަލުތަކުގެ މައްޗަށް ވެސް އަލިއަޅުވާލާނެއެވެ. ދެވަނަ ބޮޑު ދަރުސް އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ރުއްގަނޑު ދޭއްގައެވެ. މި ދަރުހުގެ ވާހަކަދައްކަވާނީ އަހަރުމެން ﷲ އާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމާ ގުޅޭ ގޮތުންނެވެ. މި ދަރުހުގެ މައުޟޫއަކީ، "ލެވެލް އަޕް ޔުއާ ކަނެކްޝަން"އެވެ. އޭގެ އިތުރަށް، ދެން ކުރިއަށްދާ ވޯކްޝޮޕުތަކަކީ ރެޖިސްޓާ ވެގެން ކުރިއަށް ގެންދާ ވޯކްޝޮޕްތަކެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. މިގޮތުން، ފުރަތަމަ ވޯކްޝޮޕުގައި ރެޖިސްޓާ ވުމަށް ޕީސް ފައުންޑޭޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. އެއީ "ތިންކް އެންޑް ގްރޯ ރިޗް"ގެ ނަމުގައި ކުރިޔަށް ގެންދާ ވޯކްޝޮޕެއް ކަމަށްވާއިރު، އިސްލާމީ ނަޒަރިއްޔާއަކުން މުދާ ހޯދުމާއި ވިޔަފާރީގައި ކާމިޔާބުވުމުގެ މައްޗަށް އަލިއަޅުވާލާނެއެވެ. މި ވޯކްޝޮޕް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ 13:00 އިން 17:00 އަށެވެ. ދެވަނަ ވޯކްޝޮޕަކީ ﷲ އާ ދެމެދު އޮންނަންޖެހޭ ގުޅުން ވަރުގަދަ ކުރާނެ ގޮތުގެ މައްޗަށް އަލި އަޅުވާލައިގެން ގެންދެވޭ ވޯކްޝޮޕެކެވެ. ޕީސް ފައުންޑޭޝަނުން ކުރިޔަށް ގެންދާ ހުރިހާ ވޯކްޝޮޕްތަކަކީ އެކިއެކި ޙަރަކާތްތަކާއެކު ކުރިއަށް ގެންދެވޭ ވޯކްޝޮޕްތަކެއްކަމުން، ބައިވެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބޭކަން އެ ޖަމިއްޔާއިން ފާހަގަކުރިއެވެ. މީގެ އިތުރުން، އެ ވޯކްޝޮޕަކުން ވަރަށް ފަސޭހައިން ކަންކަން ހާސިލުވާ ކަމަށް ބައިވެރިންނާ ހަވާލާދީ، އެ ޖަމިއްޔާއިން ބުނެއެވެ. އެއާއެކު، ދެމަފިރިން ނުވަތަ އާއިލާތަކަށް ޚާއްސަކޮށް، އަންނަ ހޮނިހިރު ދުވަހުގެ ރޭ ލޮނުޒިޔާރަތް ޕާކުގައި ޑިނާ ނައިޓެއް އެ ޖަމިއްޔާއިން ބާއްވަން ވަނީ ހަމަޖެހިފައެވެ. ރެޖިސްޓާ ވެގެން ބައިވެރިވެވޭ މި ހަރަކާތަކީ، އާއިލީ ގުޅުން ވަރުގަދަކޮށް، ވަކިން ވަގުތު ހޭދަކޮށްލަން ވެސް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް ޕީސް ފައުންޑޭޝަނުން ގަބޫލުކުރެއެވެ. މި ޑިނާ ނައިޓުގައި ޝެއިޚް ނަވައިދް ޢަޒީޒްގެ ކުރު ވާހަކަކޮޅަކާއި ޑިސްކަޝަން ފޯރަމެއް އޮންނާނެއެވެ. މި ފޯރަމް މޮޑެރޭޓް ކޮށްދެއްވާނީ މުޙައްމަދު ޝިހާބު (ސްމައިލް ޝިހާބު)އެވެ. މި އިވެންޓަކީ ރާއްޖޭގެ ދީނީ ދަޢުވަތުގައި މުޅިން އަލަށް ކުރެވޭ ކަމެއް ކަމުގައި ޕީސް ފައުންޑޭޝަނުން ބުނެއެވެ. އެހެންކަމުން، ވީހާވެސް ގިނަ ބަޔަކު މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ ޕީސް ފައުންޑޭޝަންގެ ވަރަށް ބޮޑު އެދުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ