ބައްސާމަށް އިއްވި 4 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ހިޔާނާތުގެ ކުށް ސާބިތުވެ، ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމްގެ މައްސަލަ ބައްސާމްގެ ފަރާތުން އިސްތިއުނާފުކޮށްފިއެވެ. އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަންނަނީ ހަތަރު މައްސަލައެއްގައި ޖުމުލަ 32 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ. އެއީ، މަނީ ލޯންޑްރިންގެ ދެ މައްސަލައަކާއި ހިޔާނާތްތެރިވުމުގެ ދެ މައްސަލައެކެވެ. ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައަކީ، ބައްސާމް 2016 ވަނަ އަހަރުން ފެށިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމުގައި ހުރެ، އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 އެމެރިކާ ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ބޭނުން ކުރި މައްސަލައެވެ. އެ މައްސަލައިގައި ހިޔާނާތުގެ ކުށް ސާބިތުވެކުރީ ހަތަރު އަހަރުގެ ހުކުމެކެވެ. އެ މައްސަލައިގައި ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމަކާ އެކު 154،000 ރުފިޔާއިން ބައްސާމް ޖޫރިމަނާ ވެސް އޮތީ ކޮށްފައެވެ. ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކުރި މި ހުކުމް ބައްސާމްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހަފުތާގައެވެ. އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނުނިންމައެވެ. ބައްސާމްގެ މައްޗަށް ފަހުން އިއްވީ ދެ މައްސަލައެއްގައި 23 އަހަރުގެ ހުކުމެކެވެ. އެއީ، ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފަންޑު އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ޚިޔާނާތްވި މައްސަލާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ