ބޭސް ގަންނަ ފާމަސީއަކީ ހުއްދަ އޮތް ތަނެއްކަން ކަށަވަރުކުރަން ހަނދާންކޮށްދީފި
ފާމަސީތަކަށް ގޮސް ބޭސް ގަންނައިރު އެއީ މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދަ އޮތް ތަނެއްކަން ކަށަވަރުކުރަން އެ އޮތޯރިޓީން މިއަދު ހަނދާންކޮށްދީފިއެވެ. ބޭސް ނުލިބުމާއި ކޮލިޓީ ދަށް ބޭސް އެތެރެކޮށްގެން ވިއްކާ މައްސަލަ ރާއްޖޭގައި ބޮޑެވެ. އެމްއެފްޑީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރާއްޖެއަށް ބޭރުން އެތެރެކޮށްގެން ބޭސް ވިއްކޭނީ އެ އޮތޯރިޓީގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި، ފާމަސީތައް ރަޖިސްޓާކޮށް އެ ތަންތަނުގައި މަސައްކަތްކުރާ ޕްރޮފެޝަނަލުން އެ ތަނުގައި މަސައްކަތްކުރެވޭނީ ވެސް އެމްއެފްޑީއޭގެ ހުއްދަ ހޯދައިގެންނެވެ. https://x.com/MFDA_mv/status/2012816459659886696/photo/1 ފާމަސީތަކުގައި މަސައްކަތްކުރާއިރު ފާމަސިސްޓް އައިޑީކާޑު ނެތި މަސައްކަތްކުރުމަކީ މަނާކަމެއްކަން ވެސް އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފައެވެ. އެހެންވެ، ބޭސް ގަންނައިރު އެ ކަންކަމަށް ސަމާލުވާން ވަނީ އިލްތިމާސްކޮށްފައެވެ. އެ ގޮތުން: ބޭސް ވިއްކުމުގެ ހުއްދަ ފާމަސީގައި ހަރުކޮށްފައިވޭތޯ ބެލުން ފާމަސިސްޓެއްކަން އަންގައިދޭ ކާޑު އަޅާފައިހުރިތޯ ޔަގީންކުރުން ބޭހުގެ މުއްދަތު ހަމަވާ ތާރީޚު ބެލުން ބޭސް ބޭނުންކުރަންވީ ގޮތުގެ އިރުޝާދު ލިޔެފައިވޭތޯ ބަލައި، ޔަގީންކުރުން ބޭސް ޕެކްކޮށްފައި ހުރި ރައްކާތެރިކޮށްތޯ ޔަގީންކުރުން ބޭސް ވިއްކުމުގެ ހުއްދަ ނެތި ހިންގާ ފާމަސީތަކާއި، ހުއްދަ ނެތި ފާމަސީތަކުގައި މަސައްކަތްކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެމްއެފްޑީއޭގެ އިއުލާނުގައިވެއެވެ. އެ ފަދަ ކަމެއް ފާހަގަވެއްޖެ ނަމަ 7200321 ނަންބަރަށް ގުޅައި، ރިޕޯޓުކުރަން ވެސް ވަނީ އެދިފައެވެ. https://sun.mv/216633 ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭން ބޭސް ނުލިބޭ މައްސަލަ މި ފަހުން ވަރަށް ބޮޑުވިއެވެ. އެ މައްސަލަ ހައްލުކުރަން ސަރުކާރުން ވަނީ ބޭސް ގެނައުމުގެ ކަންކަން ބަލަހައްޓަން ވަކި ކުންފުންޏެއް ވެސް އުފައްދާފައެވެ. އެ ކުންފުނީގެ ދަށަށް އެސްޓީއޯގެ ހުރިހާ ފާމަސީތަކެއް ވެސް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެކަމަކު، އަދިވެސް ބޭސް ނުލިބޭ މައްސަލަ އެއްކޮށް ހައްލެއް ނުވެއެވެ. ސަރުކާރުން އަންނަނީ އެ މައްސަލަ ހައްލުކުރަން މަސައްކަތްކުރާ ކަމަށް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ