އިންޑިއާގެ ކުރީގެ ބަތަލާ ޕްރަވީނާ ދޭޝްޕާންޑޭ މަރުވެއްޖެ
ބޮލީވުޑްގެ ގިނަ ފިލްމުތަކެއް އަދި ފަހުން ޓެލެވިޒަން ޝޯތަކުން ފެނިފައިވާ ކުރީގެ ބަތަލާ ޕްރަވީނާ ދޭޝްޕާންޑޭ މަރުވެއްޖެއެވެ. އުމުރުން 60 އަހަރުގައި ޕްރަވީނާ މަރުވީ ލޭގެ ކެންސަރުޖެހި އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަތާ އަހަރުތަކެއް ވެފައި ވަނިކޮށެވެ. ހިންދީ ސިނަމާގެ އިތުރުން މަރާޓީ ސިނަމާގެ އުފެއްދުންތަކުގައި ވެސް ދިގު މުއްދަތެއް ވަންދެން މަސައްކަތްކުރި ބަތަލާ މަރުވީ އިއްޔެގެ ވަގުތެއްގައި ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ. ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ޕްރަވީނާ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަތާ މިހާރު ހަތް ވަރަކަށް އަހަރުވެދާނެއެވެ. ޕްރަވީނާގެ މަރުގެ ޚަބަރާ އެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށް ތައުޒިޔާގެ މެސެޖުތައް ބަދަލުކޮށްފައެވެ. ކުރީގެ ބަތަލާ ޕްރަވީނާ ދޭޝްޕާންޑޭ އެކްޓަރު ޖޯން އަބްރަހަމްއާ އެކު--ފޮޓޯ/އެންޑީޓީވީ ޕްރަވީނާ ހާއްސަ ރޯލްތަކެއް ކުޅުނު ހިންދީ ފިލްމުތަކުގެތެރޭ 2011 ވަނަ އަހަރު ރިލީޒްކުރި ސަލްމާން ޚާންގެ ފިލްމު "ރެޑީ"، "އޭކް ވިލެން"، "ބޮމްބޭ ޓޯކީސް"، "ޕަރުމަނޫ: ދަ ސްޓޯރީ އޮފް ޕޯހަރަން" އަދި "ޖަލޭބީ" ހިމެނެއެވެ. އޭނާ މަސައްކަތްކުރި މަގުބޫލު ޓެލެވިޒަން އުފެއްދުންތަކުގެތެރޭ "ގަރް އޭޚް މަންދިރު"، "ކަރަމް އަޕްނާ އަޕްނާ" އަދި "ކުލްފީ ކުމާރު ބަޖޭވާލާ" ހިމެނެއެވެ. ޕްރަވީނާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މަހު ނެޓްފްލިކްސްއިން ގެނެސްދިން ވެބް ސީރީސް "ތަސްކަރީ"އިންނެވެ. މި ވެބް ސީރީސްއަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ސީރީސްއެކެވެ. ޕްރަވީނާ މަރުވިއިރު ބަތަލާގެ ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ