މި ރޯދަމަހު ފުރަތަމަ ފަހަރަށް ޖަލުތަކުގައި ތަރާވީސް ކުރަނީ

ފުރަތަމަ ފަހަރަށް ޖަލުތަކުގައި ތަރާވީސް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - ކަރެކްޝަންސްއިން ބުނި ގޮތުގައި، މި ރޯދަމަހު ޖަލުތަކުގައި ފުރަތަމަ ފަހަރަށް ތަރާވީސް ނަމާދު ކުރާނެ އެވެ. އަދި ގައިދީންނާއި ބަންދުމީހުންނަށް ދީނީ ސެޝަންތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.
އެކަމަށްޓަކައި އިއްޔެ ވަނީ ހާފިޒުން ހަމަޖައްސާފަ އެވެ.
ތަފްސީލް - ގައިދީންނާއި ބަންދުމީހުން ދީނީ ކަންކަމަށް އަހުލުވެރިކުރުވުމަށާއި އަހުލާގީ ގޮތުން ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނެރުމަށް މާފުށީ ޖަލާއި އައްސޭރި ޖަލުގެ އޮފިސަރުންނަށް ކަރެކްޝަނުން އަންނަނީ ދީނީ ސެޝަންތަކެއް ވެސް ކުރިއަށް ގެންދަމުންނެވެ. އެކަން ކުރަނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެންނެވެ. 
ކަރެކްޝަންސްއިން ބަލަހައްޓާ ހުޅުމާލެ އަދި އައްސޭރި ޖަލުގެ ގައިދީންނަށް ހާއްސަކޮށް، ރޯދަމާހާ ދިމާކޮށް ހާއްސަ ހަފްލާއެއް ވެސް މިދިޔަ ހޯމަަ ދުވަހުގެ ރޭ ވަނީ ބާއްވާފަ އެވެ.
މި ހަފްލާގައި އާއިލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ގައިދީންނަށް ފުރުސަތުދީފައިވާއިރު، ކަރެކްޝަންސްގެ އާ ހެޑްކުއާޓަރު އިމާރާތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ގައިދީންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ވެސް ދީފައިވެ އެވެ.
އެނގުން މުހިންމު - މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، ޖަލުތަކަކީ ހަމައެކަނި އަދަބު ދެވޭ ތަނެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ މީހުން އިސްލާހުކޮށް މުޖުތަމައުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި ނެރުމަކީ ސަރުކާރުގެ އަމާޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ