އެޕްސްޓީން ހިންގީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް: އދ.ގެ ޕެނަލް

މަރުވެފައިވާ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގުޅުންހުރި އަދި އަލަށް އާންމުކުރި ފައިލްތަކުން ދޭހަވަނީ އެއީ ބައިނަލްއަގުވާމީ ޖިނާއީ ނެޓްވޯކެއްގެ އަމަލުތަކެއް ކަމަށާއި، އެ އަމަލުތަކަކީ ގާނޫނީ ގޮތުން ބަލާއިރު އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ ދަރަޖައަށް ފެތޭ ކަންތައްތަކެއް ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން އައްޔަނުކޮށްފައިވާ މިނިވަން މާހިރުންގެ ޕެނަލަކުން ބުނެފި އެވެ.
މާހިރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރި ލިޔުންތަކުގައި ބަޔާންކޮށްފައިވާ ކުށްތަކަކީ ނަސްލީ ތަފާތުކުރުމާއި ކޮރަޕްޝަނާއި އަންހެނުންނަށް ނިކަމެތިކޮށް ހިތުމުގެ އިންތިހާ ދަރަޖައިގެ ފިކުރުތަކެއްގެ ތެރެއިން ހިންގާފައިވާ އަމަލުތަކެއް ކަމަށެވެ. މީގެ އިތުރުން، އަންހެނުންނާއި އަންހެން ކުދިންނަކީ މުދަލެއް ފަދައިން ބޭނުންކޮށް، އެ ކުދިންގެ އިންސާނީ ކަރާމާތް ގެއްލުވާލާފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"އަންހެނުންނާއި އަންހެން ކުދިންނާ ދެކޮޅަށް ހިންގާފައިވާ މި ލާއިންސާނީ އަމަލުތަކުގެ ބޮޑުމިނާއި އޭގެ ބާވަތާއި ރޭވުންތެރިކަމާ އަދި ބައިނަލްއަގުވާމީ ގޮތުން ފެތުރިފައިވާ މިންވަރަށް ބަލާއިރު، މީގެ ތެރެއިން ގިނަ ކަންތައްތަކަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ކަމަށް ބެލުމުގެ ގާނޫނީ ފުރުސަތު އެބައޮތް،" ޕެނަލުން ބުންޏެވެ.
މިކަމާ ގުޅިގެން މިނިވަން، ފުރިހަމަ އަދި ވަކި ފަރާތަކަށް ނުޖެހޭ ތަހުގީގެއް ހިންގުމަށް ވެސް އެ ބޭފުޅުން ގޮވާލެއްވި އެވެ.
ލިޔެކިޔުންތައް އާންމުކުރުމުގައި އަމަލުކޮށްފައިވާ ގޮތަށް ވެސް މާހިރުން ވަނީ ފާޑުވިދާޅުވެފަ އެވެ.
އެގޮތުން، ބައެއް ސިއްރު މައުލޫމާތުތައް ފޮރުވުމުގައި ހެދިފައިވާ ގޯސްތަކުގެ ސަބަބުން، އަނިޔާ ލިބުނު މީހުންގެ ނާޒުކު މައުލޫމާތުތައް ހާމަވެފައިވާ ކަމަށް ވިދާޅުވެ އިންޒާރު ދެއްވި އެވެ. މިހާތަނަށް އާންމުކުރި ލިޔުންތަކުން 1،200އަށް ވުރެ ގިނަ މީހުންނަށް އަނިޔާ ލިބިފައިވާކަން ވަނީ އެނގިފަ އެވެ.
މާހިރުން ވިދާޅުވީ، މައުލޫމާތު ހާމަކުރުމުގައި ހުރި ހަނިކަމާއި ތަހުގީގުތައް ފުރިހަމަ ނުވުމުގެ ސަބަބުން، އަނިޔާ ލިބުނު ފަރާތްތަކަށް ނަފްސާނީ ގޮތުން އިތުރު ތަކުލީފުތަކެއް ކުރިމަތިވެ، މުއައްސަސާތަކުގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
މި ލިޔުންތައް އާންމުކޮށްފައިވަނީ އެޕްސްޓީންއާ ގުޅުންހުރި ހުރިހާ ފައިލްތަކެއް ހާމަކުރުމަށް އެމެރިކާގެ މަޖިލީހުގެ ދެ ޕާޓީގެ ތާއީދާ އެކު މިދިޔަ ނޮވެމްބަރު މަހު ފާސްކުރި ގާނޫނެއްގެ ދަށުންނެވެ.
ކުޑަކުދިން ބޭނުންކޮށްގެން ހަށިވިއްކުމުގެ ކުށަށް 2008 ވަނަ އަހަރު އިއުތިރާފުވި އެޕްސްޓީން، 2019 ވަނަ އަހަރު އަލުން ހައްޔަރުކުރީ ޖިންސީ ވަގުފާރީގެ ތުހުމަތުގަ އެވެ. އޭނާ އަމިއްލައަށް މަރުވެފައި އޮއްވާ ފެނުނީ ޖަލު ގޮޅީގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ