ތަައިލެންޑުން ކެމްބޯޑިއާގެ ސަރަހައްދެއް ހިފާފައިވާ ކަމަށް ބޮޑު ވަޒީރު ވިދާޅުވެއްޖެ
ތައިލެންޑާއި ކެމްބޯޑިއާއި ދެމެދު މިދިޔަ ޑިސެންބަރު މަހު ހިނގި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެވަޑައިގެން ސުލްހައިގެ އެއްބަސްވުމެއް ގާއިމުކޮށްފައި އޮތް ނަމަވެސް ހަމަނުޖެހުންތަކަށް ފަހު، ތައިލެންޑު ސިފައިން ކެމްބޯޑިއާ ސަރަހައްދު ހިފާފައިވާ ކަމަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ހަން މަނެޓް ވިދާޅުވެއްޖެއެވެ. އިމުގެ މައްސަލައިގައި ތައިލެންޑާއި ކެމްބޯޑިއާ ކުރަމުންދާ ހަނގުރާމައިގައި ބޯޑަރުގެ މައްސަލައިގެ މަސައްކަތް ފެށުމަށް ޖޮއިންޓް ބައުންޑަރީ ކޮމިޝަނެއް ގާއިމުކުރުމަށް މަނެޓް ވަނީ ގޮވާލައްވާފައެވެ. "ކެމްބޯޑިއާގެ އެކި ސަރަހައްދުތުކަގައި ތައިލެންޑު ސިފައިން އަދިވެސް އެބަތިބި. މިއީ ތައިލެންޑްގެ ބޯޑަރު ހިއްސާވާ ސަރަހައްދާ ވެސް މާ ދުރު ތަންތަން،" ރޮއިޓާސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި މަނެޓް ވިދާޅުވިއެވެ. އަދި، ތައިލެންޑުން ގިނަ ދުވަސްތަކެއް ވަންދެން ކެމްބޯޑިއާގެ ސަރަހައްދެއްގެ ގޮތުގައި ގަބޫލުކުރި ސަރަހައްދުގެ ތެރޭގައި ތައިލެންޑް ސިފައިން ޝިޕިން ކޮންޓެއިނަރުތަކާއި ފެންސު ވަޔަރު ޖަހާފައިވާ ކަމަށާއި އެ ސަރަހައްދުގެ ރައްޔިތުންނަށް އެނބުރި ގެއަށް ނުދެވިފައި ތިބި ކަމަށް ވެސް މަނެޓް ވިދާޅުވިއެވެ. މަނެޓް އެގޮތަށް ވިދާޅުވެފައިވަނީ އެމެރިކާގައި އޮންނަ 'ބޯޑު އޮފް ޕީސް'ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ވަޑައިގެން ހުންނަވައެވެ. ތައިލެންޑުން ދިން ހަމަލައެއްގެ ސަބަބުން ކެމްބޯޑިއާގެ ފާލަމެއް ހަލާކުވެފައި. ފޮޓޯ/އޭއެފްޕީ މަނެޓް ވިދާޅުވީ، ބޯޑަރުގެ މައްސަލަ 'ބޯޑު އޮފް ޕީސް'އަށް ހައްލުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެ ބޯޑަކީ ޣައްޒާގެ ސުލްހައިގެ ޕްލޭނެއް އެކަށައެޅުމަށް އުފެއްދި ބޯޑެއް ނަމަވެސް ޓްރަމްޕް ވަނީ އެ ބޯޑުން އެހެން ކަންްކަމަށް ވެސް ހައްލު ގެނެވިދާނެ ކަމަށް ވިދާޅުވެފައެވެ. ތައިލެންޑުން ވަނީ ކެމްބޯޑިއާގެ ސަރަހައްދު ހިފާފައިވާ ކަަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ. އަދި، އެ ސަރަހައްދުގައި ސިފައިން ބައިތިއްބާފައި ހަމަލާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށް ވެސް ތައިލެންޑުން ބުނެފައިވެއެވެ. ކެމްބޯޑިއާއި ތައިލެންޑާއި މި ފަހުން އެންމެ ވަރުގަދަޔަށް ހަމަލާތައް ބަދަލުކޮށްފައިވަނީ މިިދިޔަ އަހަރުގެ ޖުލައި މަހެވެ. އެ ފަހަރު ހަނގުރާމައިގެ ސަބަބުން ލައްކައެއްހާ މީހުންގެ ގެދޮރު ގެއްލުނެވެ. އޭގެ ފަހުން ހަނގުރާމަ މެދުކަނޑާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މެދުވެވެރިވެޑައިގެން ހަނގުރާމައަށް ނިމުމެއް ގެނެސް އެ އަހަރު އޮކްޓޫބަރު މަހު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރިއެވެ. ނަމަވެސް، އޭގެ ފަހުުން ނޮވެންބަރު މަހު ލޭންޑްމައިނެއް ގޮވައި ތައިލެންޑުގެ ސިފައިންގެ މީހަކު ޒަޚަމުވުމުން، އެއްބަސްވުން ތަންފީޒު ނުކުރާނެ ކަމަށް ތައިލެންޑުން ބުނި ފަހުން އަނެއްކާ ވެސް ޑިސެންބަރު މަހު ހަމަލާތައް ބަދަލުކުރަން ފެށިއެވެ. ދެ ގައުމުގެ މެދުގައި މައްސަލަ ބޮޑުވެފައި އޮންނަނީ ލާއޯސްއާ އެކު ބޯޑަރުން ގުޅޭ ހިސާބުގައި އޮންނަ އެމަރަލްޑް ޓްރައިއެންގަލް ނަމަކަށް ކިޔާ ސަރަހައްދަކާ މެދުގައެވެ. އެއީ، ކުރީ ޒަމާނުގެ ފައްޅިތަކާއި އާސާރީ ތަންތަން ގިނަ ހިސާބެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ