ސައުދީ އަރަމްކޯ އިން އޭޝިއާ އަށް ތެޔޮ ވިއްކާ މިންވަރު އަނެއްކާވެސް މަދުކޮށްފި

ތެލުގެ ސަޕްލައިއަށް ބުރޫއަރާފައިވާ މި ދަނޑިވަޅުގައި ސައުދީ ދައުލަތުގެ ތެޔޮ ކުންފުނި، އަރަމްކޯ އިން އޭޝިއާއަށް ތެޔޮ ވިއްކާ މިންވަރު އަނެއްކާވެސް މަދުކޮށްފިއެވެ. މަސްދަރުތަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަންނަ އޭޕްރީލް މަހު އަރަމްކޯއިން ވިއްކާނީ ހަަމައެކަނި ރެޑް ސީ ބަނދަރުން އެކްސްޕޯޓްކުރާ އަރަބް ލައިޓް ކްރޫޑެވެ. އެ ތެޔޮ ވިއްކާނީ ހަމައެކަނި ޓާމް ކަސްޓަމަރުންނަށް ކަމަށްވެސް ބުނެފައިވެއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އޭޝިއާގެ ކަސްޓަމަރުންނަށް ސާފުނުކުރާ ތެޔޮ ދޫކުރާ މިންވަރު %10 އާއި ހަމައަށް މަދުކުރާނެއެވެ. މި ބަދަލު ގެނެސްފައިވަނީ އޭޝިއާގެ ގިނަ މާކެޓްތަކެއްގައި ތެލުގެ ޑިމާންޑް ދަށްވެފައިވާ ކަމަށް ފަހުގެ ތަފާސް ހިސާބުތަކުން ދައްކާތީ ތެޔޮ ގަންނަ މިންވަރަށް ބަދަލުތަކެއް ގެންނަން ކުންފުނިތަކުން ބަލަމުންދާ ދަނޑިވަޅެއްގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަރަމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ދަނީ މިހާރު އޮތް ސަރަހައްދީ ހާލަތަށް ބަލައި ޔަންބޫ މެދުވެރިކޮށް އިތުރު އެކްސްޕޯޓް ރޫޓްތައް ބޭނުންކޮށްގެން އިތުބާރު ހުރި ގޮތެއްގައި ހަކަތައިގެ ސަޕްލައި ކަށަވަރު ކުރަމުން ކަމަށެވެ. "އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އުންމީދުތައް ފުއްދައިދިނުމަށް ލޯޑިން ޝެޑިއުލްތައް އެޖެސްޓްކޮށް، ކަސްޓަމަރުންނަށް މައުލޫމާތު ދެމުން ދާނަން. އަޅުގަނޑުމެންގެ އެންމެ އިސްކަމެއް ދޭނީ މި މުއްދަތުގައި ރައްކާތެރި، އިތުބާރު ހުރި ގޮތެއްގައި އޮޕަރޭޝަންތައް ދެމެހެއްޓުމަށް." އެ ބަޔާނުގައި ބުނެފައިވެއެވެ. އެނަލިޓިކްސް ކުންފުނި ކްލީރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސައުދީ އަރަބިއްޔާއިން މާޗް މަހުގެ މިހާތަނަށް ދުވާލަކު 4.355 މިލިއަން ފީފާ (ބީޕީޑީ) ކްރޫޑް އެކްސްޕޯޓްކޮށްފައިވާއިރު، މިއީ ފެބްރުއަރީ މަހު އެކްސްޕޯޓު ކުރި މިންވަރަށްވުރެ މަދު މިންވަރެކެވެ. ފެބްރުއަރީ މަހު ދުވާލަކު 7.108 މިލިއަން ބީޕީޑީ އެކްސްޕޯޓްކުރިއެވެ. ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެކަން ފޫބައްދައި ޔަންބޫ މެދުވެރިކޮށް ތެޔޮ އެކްސްޕޯޓް ކުރުމަށް އަރަމްކޯއިން މަސައްކަތްކުރަމުންދާއިރު، ޔަންބޫ މެދުވެރިކޮށް ތެޔޮ އެކްސްޕޯޓުކުރި މިންވަރު މި މަހު ވަނީ އިތުރުވެފައެވެ. ޗައިނާގެ އެންމެ ބޮޑު ރިފައިނަރު، ސިނޮޕެކް އިން މާޗް މަހު ޔަންބޫ އިން ގާތްގަނޑަކަށް 24 މިލިއަން ފީފާގެ ސައުދީ ކްރޫޑް ލޯޑް ކުރަން ވަނީ ނިންމާފައެވެ. ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާ އިސްރާއީލުން ގުުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ބާޒާރަށް ފަސްބައިކުޅަ އެއްބައި ތެޔޮ އުފުލާ މުހިންމު ހަރްމޮޒް ކަނޑުއޮޅީގެ ދަތުރުތަކަށް ވަރަށް ބޮޑެތި ހުރަސްތަކެއް އަޅާފައެވެ. އޭގެއިތުރުން އީރާނުގެ ރައްދު ހަމަލާތައް މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށާއި ތެލުގެ ވަސީލަތްތައްކަށް ވެސް އަންނަނީ ދެމުންނެވެ. އެެެެހެންވެ ތެލުގެ ސަޕްލައިއަށް ބުރޫއަރައި އަގު އަންނަނީ އިންތިހާއަށް އުފުލެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ