އަފްރާޝީމްގެ ދަރިފުޅު ހާމަކުރީ ބައްޕަ ނެތް ކަމުގެ ފަޅުކަން

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލިތާ 14 އަހަރުވީ އެވެ. މީހުންގެ ހިތުން އެ ހަނދާންތައް ފަނޑުވެއްޖެ އެވެ. އެކަމަކު ބައްޕަ ނެތްކަމުގެ ފަޅުކަން، އޭނާގެ ދަރިންގެ ހަޔާތުގައި އަދިވެސްވެ އެވެ.
އަފްރާޝީމްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު، ރުމައިޝާ އަފްރާޝީމްގެ ސޯޝަލް މީޑިއާއިން އިއްޔެ ފެނުނީ އެ މަންޒަރެވެ. 
ޓީވީއެމް އިން ލައިވްކޮށް ގެނެސްދިން ޕްރޮގްރާމެއް ނިންމަވާފައި 11 ޖަހާކަންހާއިރު ގެއަށް ވަދެވަޑައިގަންނަނިކޮށް، ބަޔަކު ދިން ރަހުމުކުޑަ ހަމަލާތަކެއްގައި އަފްރާޝީމް އަވަހާރަކޮށްލި އިރު، އޭނާގެ ތިން ކުދިން ތިއްބަވަ އެވެ. އޭރު ގާތްގަނޑަކަށް 4-5 އަހަރުގެ ރުމައިޝާގެ ހަގަށް ތުއްތު ކުއްޖަކު އަދި ދޮއްޓަށް ފިރިހެން ކުއްޖަކު ހުންނަވަ އެވެ.
ޒުވާން ރުމައިޝާ އޭނާގެ އިހުސާސްތައް ބޭރުކުރީ ޓިކްޓޮކްގަ އެވެ. ބައްޕަ ނެތްކަމުގެ ފަޅުކަން އޭނާ ކިޔައިދިނީ، ކުޑައިރު ބައްޕައާ އެކު ނަގާފައިވާ ފޮޓޯތަކާ އެކު އެވެ. ކެޕްޝަންގައި އޭނާ ލިޔުނީ، ދިރިއުޅުމުގައި މާޔޫސްވާ ކޮންމެ ފަހަރަކު ބައްޕަ މަތިން ވަރަށް ހަނދާންވާ ކަމަށެވެ.
"ދިރިއުޅުމުގައި މަގުއޮޅޭ ކޮންމެ ފަހަރަކު ހަނދާންވެ އެވެ. ދީނުގެ މަގުގައި ގެއްލޭ ކޮންމެ ފަހަރަކު ހަނދާންވެ އެވެ،" ރުމައިޝާ ލިޔެފައިވެ އެވެ.
އޭނާ ބުނީ ފާފަތަކަށް އަރައިގަނެވޭ ކޮންމެ ފަހަރަކު، އެކަމުން ސަލާމަތްކޮށްދޭން ބައްޕަ ހުންނާނެ ނަމައޭ ހިތަށް އަރާ ކަމަަށެވެ. އަދި އެކަން އަމިއްލައަށް ބަދަލުކުރުމުގެ ހިތްވަރު އޭނާގެ ނުހުންނަ ކަމަށް ބުންޏެވެ.
"އަހަރެން ބައްޕަގެ އެހީތެރިކަން ބޭނުންވޭ،" ރުމައިޝާ ލިޔެފައި ވެ އެވެ.
ރުމައިޝާގެ ފޮޓޯތަކުގައި އޭނާ ފެންނަނީ ބައްޕައާ އެކު ވަރަށް އުފަލުގައި ހުއްޓަ އެވެ. ބައްޕަގެ ކަރުގައި އެލިގަނެގެން، ނޫނީ ބައްޕައަށް ކޭކުލަވާ ކާންދޭ ތަނެވެ.
އޭގެ ކުރިން އެހެން ޕޯސްޓެއްގައި އިއްޔެ ހަމަ އޭނާ ވަނީ ބައްޕަގެ މަގާމުގައި މިހާރު ހުރި، އޭނާގެ ދޮންބައްޕަގެ އަގު ވެސް ވަޒަންކޮށްފަ އެވެ.
ރުމައިޝާ ބުނި ގޮތުގައި، ދެ ފަހަރު ވެސް އޭނާއަށް ވަނީ ނަސީބު އަތުގައި ހިފާފަ އެވެ. އަފްރާޝީމް ފަދަ ބައްޕައެއް ލިބުމާއި އެ މަގާމަށް ނުހަނު ހެޔޮ އެހެން މީހަކު އައުމެވެ. އޭނާ ރޯން ފަށާ ކޮންމެ ފަހަރަކު، އެ ބައްޕަ ވެސް އޭނާއާ އެކު ރޯނެ ކަމަށް ބުންޏެވެ. ނަސީބުދެރަ މީހެކޭ ހިތަށް އަރާ ކޮންމެ ފަހަރަކު އެކަން އިހުސާސްވާ ކަމަށް ރުމައިޝާ ބުންޏެވެ.
އަފްރާޝީމް އަވަހާރަކޮށްލުމާ އެކު، އޭނާގެ އާއިލާއަށް މާލީ ގޮތުން އެހީވުމަށް އޭރުގެ ސަރުކާރުން ނިންމި އެވެ. އެގޮތުން އޭރު 12 އަހަރުގެ ދޮށީ ފިރިހެން ދަރިފުޅު، އަމިއްލައަށް އާމްދަނީ ހޯދޭވަރު ވަންދެން މާލީ ގޮތުން އެހީދޭން ނިންމި އެވެ. އަދި ދަރިންގެ އުމުރުން 18 އަހަރު ވަންދެން، މަޖިލީހުން އަފްރާޝީމަށް ލިބިވަޑައިގެންނެވި މުސާރަ އާއިލާއަށް ދިނުމަށް ނިންމި އެވެ.
އަފްރާޝީމް 2 އޮކްޓޯބަރު 2012 ވަނަ ދުވަހު އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އޭގެ ތެރެއިން އެ މައްސަލަ ސާބިތުވެ މަރަން ހުކުމް ކުރީ ހުސެއިން ހުމާމް، ހ. ލޮބީގެ މައްޗަށް އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ