އިޓަލީގެ ކޯޗުކަމަށް ޝައުގުވެރިވަން: ކޮންޓޭ

ހުސްވެފައިވާ އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމަށް އޭނާގެ ޝައުގުވެރިކަން އެބަހުރި ކަމަށް ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ނާޕޮލީ އަށް ހުސްވި ސީޒަނުގެ އިޓާލިއަން ލީގު ކާމިޔާބު ކޮށްދިން ކޯޗު ބުނީ އޭނާ އަކީ އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްނަމަ އޭނާ އަށް ކޮންޓްރެކްޓެއް ދޭނެ ކަމަށެވެ.
"ގައުމީ ޓީމަށް އިރުޝާދު ދިނުމަކީ ވަރަށް ބޮޑު އުފަލެއް. އެއީ ދޫކޮށް ނުލެވޭނެ ފުރުސަތެއް. އަހަރެންނަށް އެ ފުރުސަތު ލިބިއްޖެނަމަ މި ސީޒަނަށް ފަހު އަހަރެން ނާޕޮލީގެ ރައީސާއެކު އިށީންނާނަން ކޮންޓްރެކްޓް ހިފައިގެން މަޝްވަރާ އަށް. މިވަގުތު އަހަރެންނާއި ކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އެބައޮތް،" ކޮންޓޭ ބުންޏެވެ.
އޭނާ އަދި ބުނީ އިޓަލީގެ ގައުމީ ކޯޗުކަން 2014 އިން 2016 އަށް ކޮށްފައިވާތީގެ ފުޓްބޯޅަ ފެޑަރޭޝަނާއި ގައުމީ ޓީމުގެ ހާލަތު ވެސް އެނގޭ ކަމަށެވެ. އަދި ވިދިވިދިގެން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވެ ކެޓުމަކީ ހިތްދަތި ކަމެއް ކަމަށާއި ކުރީގެ ކުޅުންތެރިއެއްގެ ގޮތުން ވެސް އޭނާގެ އެކަމާ ހިތާމަ ކުރާ ކަމަށެވެ.
އިޓަލީގެ ގައުމީ ކޯޗުކަން ހުސްވީ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން ކޯޗުކަމުން ގެނާރޯ ގަޓޫސޯ ވަކިވުމުންނެވެ. މިއާއެކު ކޯޗުކަމަށް ގެންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ލިސްޓުގައި ކޮންޓޭގެ ނަން ވެސް ހިމެނެ އެވެ. އޭނާގެ އިތުރު މި ލިސްޓުގައި ހިމެނެނީ ޔުވެންޓަސްގެ ކޯޗު މަސިމިލާނޯ އަލެގްރީ އާއި ކުރީގެ ގައުމީ ކޯޗު ރޮބާޓޯ މަންޗިނީ އެވެ. ކުރިން މެންޗެސްޓާ ސިޓީ އަށް ވެސް ކާމިޔާބު ހޯދައިދިން މަންޗިނީ އަކީ 2021 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އިޓަލީ އަށް ކާމިޔާބު ކޮށްދިން ކޯޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ