އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ މެންބަރުކަމަށް ރާއްޖެއިން ވާދަކުރަނީ

އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 2028 އިން 2030 އަށް ހިނގާ ދައުރަށް ރާއްޖެއިން ކުރިމަތިލާން ނިންމާފައިވާކަން ދިވެހި ސަރުކާރުން އިއުލާނުކޮށްފިއެވެ.
މިކަން އިއުލާނުކުރެއްވީ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ އާންމު ބަހުސްގައި ތަގުރީރު ކުރައްވަމުން ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުالله ޚަލީލެވެ.
ޚާރިޖީ ވަޒީރުގެ ބަޔާނުގައި، އިންސާނީ ހައްގުތަކުގެ ބައިނަލްއަގުވާމީ މުއާހަދާގެ އުސޫލުތަކަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ފާހަގަކުރެއްވިއެވެ. އަދި ހުރިހާ އިންސާނުންނަކީވެސް މިނިވަންކަމާއި، ކަރާމާތާއި، ހަމަހަމަ ހައްގުތަކަކާއެކު އުފަންވެފައިވާ ބައެއްކަން ފާހަގަކުރައްވައި، އެ އަގުތައް ހިމާޔަތްކުރުމަކީ މުޅި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާއެއްކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ދާޚިލީ ކަންކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކުރުމަށާއި، ގާނޫނީ އިސްތިގުލާލު ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި، އަންހެން ވިޔަފާރިވެރިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ ނިޒާމުގެ އިތުބާރު ހިފެހެއްޓުމަށްޓަކައި، ކައުންސިލްގެ މަސައްކަތްތަކަކީ ވަކި ފަރާތަކަށް ނުޖެހޭ އަދި އުސޫލީ މަސައްކަތްތަކެއްގެ ގޮތުގައި ބޭއްވުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ތަރައްގީވަމުންދާ ކުދި ޖަޒީރާ ގައުމުތަކުގެ ބައިވެރިވުން ކައުންސިލްގެ މަސައްކަތްތަކުގައި އިތުރުކުރުމަށް ރާއްޖެއިން ވަކާލާތު ކުރަމުންދާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
ވަޒީރުގެ ބަޔާން ނިންމަވާލެއްވީ، އިންސާނީ ކަރާމާތް ނެގެހެއްޓުމަށާއި، އިންސާނީ ހައްގުތައް ބައިނަލްއަގުވާމީ ފެންވަރުގައާއި ގައުމީ ފެންވަރުގައި ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ އަޒުމް އާކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ