އެޕްސްޓައިންއާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ އިނގިރޭސިވިލާތުގެ ކުރީގެ ސަފީރު މެންޑެލްސަން ހައްޔަރުކޮށްފި

އިނގިރޭސިވިލާތުގެ ކުރީގެ ސަފީރު އަދި ލޭބަރ ޕާޓީގެ ނުފޫޒުގަދަ ސިޔާސީ ޝަޚުޞިއްޔަތެއް ކަމަށްވާ ޕީޓާ މަންޑެލްސަން، ކުޑަކުދިން ތަކަކަށް ޖިންސީ ގޯނާ ކުރި، ޖެފްރީ އެޕްސްޓައިންއާ އޮތް ގުޅުމާ ގުޅިގެން ކުރިއަށްދާ ތަޙުޤީޤެއްގެ ތެރެއިން ހައްޔަރުކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު ލަންޑަނުގައި ހުންނަ އޭނާގެ ގޭގެއިން މެންޑެލްސަން ހައްޔަރުކޮށްފައިވަނީ، މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައެވެ.
އިނގިރޭސިވިލާތުގެ މެޓްރޯޕޮލިޓަން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުމުރުން 72 އަހަރުގެ މީހަކު ހައްޔަރުކޮށް ސުވާލުކުރުމަށްޓަކައި ފުލުހުންގެ އިދާރާއަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުންގެ އުޞޫލުތައް ހުންނަ ގޮތުން ހައްޔަރުކުރި މީހާގެ ނަން ހާމަނުކުރި ނަމަވެސް، އެއީ މެންޑެލްސަންކަން ވަނީ ކަށަވަރުވެފައެވެ.
އިނގިރޭސިވިލާތުގެ "ދަ ޓައިމްސް" ނޫހުން ޢާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މެންޑެލްސަން ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ގެންދިޔައީ އާދައިގެ ހެދުމެއްގައި ތިބި އޮފިސަރުންތަކެކެވެ.
މެންޑެލްސަންގެ މައްސަލަ ހޫނުވެފައިވަނީ، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިދިޔަ މަހު އާންމުކުރި އީމެއިލްތަކަކާ ގުޅިގެންނެވެ. އެ އީމެއިލްތަކުން ހާމަވި ގޮތުގައި، ކުރިން ހީކުރެވުނު ވަރަށް ވުރެ ގާތް ގުޅުމެއް މެންޑެލްސަންއާއި އެޕްސްޓައިންއާ ދެމެދު އޮތެވެ. އަދި ކުރީގެ ބޮޑުވަޒީރު ގޯޑަން ބްރައުންގެ ސަރުކާރުގެ މިނިސްޓަރަކަށް މެންޑެލްސަން ހުރިއިރު، އޭނާ ވަނީ އެޕްސްޓައިންއާ މުހިންމު މަޢުލޫމާތުތަކެއް ޙިއްޞާކޮށްފައެވެ.
މި މައްސަލައިގެ ތެރެއިން، މި މަހުގެ ކުރީކޮޅު މެންޑެލްސަން ވަނީ ބޮޑުވަޒީރު ކިއަރ ސްޓާމަރގެ ލޭބަރ ޕާޓީން ވަކިވެ، މަޖިލީހުގެ މެންބަރުކަމުން ވެސް އިސްތިޢުފާ ދީފައެވެ. އަދި އެމެރިކާގައި ހުންނަ އިނގިރޭސި ސަފީރުގެ މަޤާމުން ވެސް އޭނާ ވަނީ މިދިޔަ އަހަރު ވަކިކޮށްފައެވެ.
މެންޑެލްސަން މީގެ ކުރިން ބުނެފައިވަނީ، އެޕްސްޓައިންއާ އެކު އޮތް ގުޅުމާ މެދު އޭނާ "ވަރަށް ބޮޑަށް ހިތާމަކުރާ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ