ވަހީ އިއްވަވާ ކަމަށް ބުނުމުގެ ތުހުމަތުވާ މީހާގެ ވަނަވަރު ހާމަކޮށް، ތަހުގީގަށް ހާޒިރުވާން އަންގައިފި

އިސްލާމް ދީނަށް ފުރައްސާރަކޮށް، ވަހީ އިއްވަވާ ކަމަށް ބުނާ ކަމަށް ތުހުމަތު ކުރެވޭ މީހާގެ ވަނަވަރު ހާމަކޮށް، ޗިޓު ރައްދު ނުކުރެވިގެން ފުލުހަށް ހާޒިރުވާން މިއަދު އަންގައިފިއެވެ. ވަރަށް ފަހުން ދިވެއްސަކު ޓިކްޓޮކްގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާ ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ދިވެހި އެ ފިރިހެން މީހާ ކީރިތި ރަސޫލާ އާއި އިސްލާމްދީނާ ގުޅޭ ގޮތުން ވަރަށް ހުތުރުކޮށް ވާހަކަ ދައްކާ އަޑު އެ ވީޑިއޯތަކުން އިވެއެވެ. އެ މައްސަލަ އެންމެ ފުރަތަމަ މީޑިއާތަކުގެ ސަމާލުކަމަށް ގެނައީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. https://sun.mv/218030 މިދިޔަ ހަފުތާގެ އަންގާރަ ދުވަހު މިނިސްޓަރު ވިދާޅުވީ، އިސްލާމީ ޢަޤީދާއަށާއި ކީރިތި މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތަށް ވާހަކަދައްކާފައިވާ މީހާގެ ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުގައި މި މަހު 15ގައި އެދިފައިވާނެ ކަމަށެވެ. ފުލުހުން ވެސް އެ ދުވަހު ވަނީ، މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައެވެ. މިއަދު ފުލުހުން ވަނީ، އެ މައްސަލައިގެ ތުހުމަތުގައި މީހަކު ކޯޓަށް ހާޒިރުކުރަން ބޭނުންވާ ކަމަށް ބުނެ، ވަނަވަރު އާންމުކޮށްފައެވެ. އެއީ، މާލެއަށް ނިސްބަތްވާ 51 އަހަރުގެ އަޙުމަދު އާމިރެވެ. ފުލުހުން ބުނީ، އޭނާ އުޅޭ ވަކި ތަނެއް ނޭނގޭތީ ކޯޓަށް ހާޒިރުކުރުމަށް ޗިޓު ރައްދު ކުރެވިފައިނުވާ ކަމަށެވެ. އެހެންވެ، އަންނަ މަހުގެ 10ވަނަ ދުވަހުގެ 16:00އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވާން ވަނީ އެދިފައެވެ. އެއީ، އެ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރަން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ