"ޑިމޮކްރެސީގެ ހަރަދު ބޮޑެއް ނޫން"؛ ދެ އިންތިހާބު އެއްކޮށްލަން ނަޝީދު ދެކޮޅު "ޑިމޮކްރެސީގެ ހަރަދު ބޮޑެއް ނޫން"؛ ދެ އިންތިހާބު އެއްކޮށްލަން ނަޝީދު ދެކޮޅު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ފެެންނަ ނުފެންނަ (ރެފަރެންޑަމް) ވޯޓުގައި ނޫނެކޭ ބުނަން ތައްޔާރަށް ހުރިކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކޮށްފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅު ހަދަން ޕާޓީން ނިންމި ނިންމުމަށް ތާއީދު ކަމަށެވެ.
"ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި، ޕާޓީގެ ނިންމުމަށް އަޅުގަނޑުވެސް ތާއީދުކޮށް، ރެފަރެންޑަމްގައި ނޫނެކޭ ބުނަން ތައްޔާރު،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީއަށް ކުރާ ހަރަދު ބޮޑު ނޫން ކަމަށާއި ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ އެންމެ ބޮޑު އެއް ފައިދާއަކީ ޓެކްސް ނިޒާމު ގާއިމުކުރެވި ދައުލަތުގެ އާމްދަނީ އިތުރުވުން ކަމަށެވެ.
ޓެކްސް އާމްދަނީ ހުރީ ތިން ބިލިއަނަށްވުރެ މަތީގައިކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އިންތިހާބުތައް ބާއްވާ، ރައްޔިތުންގެ ބައިވެރިވުން އިތުރުވުމަކީ ތަރައްގީއަށް އެންމެ ބޮޑަށް މަގުފަހިވާ ސަބަބު ކަމަށެވެ.
މީގެއިތުރުން ރައްޔިތުންގެ ބައިވެރިވުން ކުޑަ ކުރާ އެއްވެސް ކަމަކަށް ރައްޔިތުންގެ ތާއީދު ނުލިބޭނެކަން ވެސް ނަޝީދު ފާހަގަކުރެއްވި އެވެ.
ނަޝީދު މިހާރު މިހެން ވިދާޅުވި ނަމަވެސް އެމަނިކުފާނު މީގެ ކުރިން ދެ އިންތިހާބު އެއްކޮށްލަން ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ރެފަރެންޑަމް ވޯޓު ނަގަން މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ގާނޫނާ ހިލާފު ކަމަށް ބުނެ އެ ވޯޓު ހުއްޓުވުމުގެ މައްސަލަ އެމްޑީޕީން ސިވިލް ކޯޓަށް ވަނީ މިއަދު ހުށަހަޅާފަ އެވެ.
އެމްޑީޕީން ކޯޓަށް ހުށަހެޅި ޖުޑީޝަލް ރިވިއުގެ ދައުވާއާ އެކީ، މި މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ރެފަރެންޑަމް ވޯޓު ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ.
ރެފަރެންޑަމް ވޯޓާ ދެކޮޅު މަސައްކަތުގެ ދަށުން އެމްޑީޕީން ވަނީ އަންނަ މަހުގެ 21 ގައި، މުޒާހަރާއެއް ވެސް ބާއްވާނެ ކަން އިއުލާންކޮށްފަ އެވެ. އޭގެއިތުރުން ދެ އިންތިހަބު އެއްކޮށްލުމާ ދެކޮޅަށް މުޅި ރާއްޖޭގައި ކެމްޕެއިން ހަރަކާތްތަކެއް ވެސް އެމްޑީޕީން ކުރިއަށްގެންދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މި ވޯޓުގައި ރައްޔިތުންނާ ކުރިމަތިލާނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހާ ގުޅޭ ސުވާލެކެވެ. އެއީ؛
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"
މި ވޯޓުގައި ރައްޔިތުންގެ ތާއިދު އޮތް ކަމަށް ފާސްވެއްޖެނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވާނީ އެކުއެކީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ