ހުކުރުޢީދުގައި ޢަމަލުކުރާނީ ކިހިނެއް؟

މި ފަހަރު ފިޠުރުޢީދު ދުވަސް މި ދިމާވީ ހުކުރު ދުވަހަކާއެވެ. އާންމު އުޞޫލަކުން ޢީދުކުރާނެ ގޮތްތަކާއި، ޚާއްޞަކޮށް ހުކުރަކާ ޢީދު ދިމާވުމުން ޢަމަލުކުރަންވީ ގޮތާއި، ޢީދާ ގުޅުން ހުރި ސުންނަތްތައް މުސްލިމުން ދަންނަންވާނެއެވެ. ހުކުރު ދުވަހެއްގައި ޢީދު ވުމުން އެ ދުވަހުގެ ޢީދު ނަމާދުގެ ޖަމާޢަތަށް ހާޒިރުވެ އިމާމު މީހާއާއެކު ޢީދު ނަމާދު ކުރި މީހާގެ މައްޗަށް ހުކުރު ނަމާދުކުރުން ވާޖިބުވެގެން ނުވެއެވެ. ހުކުރު ނަމާދު ސުންނަތް ނަމާދެއްގެ ގޮތުގައި އޭނާއަށް ކުރެވިދާނެއެވެ. އޭނާ ހުކުރު ނަމާދު ނުކުރާނަމަ މެންދުރު ނަމާދުކުރުން އޭނާގެ މައްޗަށް ވާޖިބު ވާނެއެވެ. وَعَنْ زَيْدِ بْنِ أَرْقَمَ ‏- رضى الله عنه ‏- قَالَ: "صَلَّى النَّبِيُّ ‏- صلى الله عليه وسلم ‏-اَلْعِيدَ، ثُمَّ رَخَّصَ فِي الْجُمُعَةِ"، فَقَالَ: «مَنْ شَاءَ أَنْ يُصَلِّيَ فَلْيُصَلِّ» (رَوَاهُ اَلْخَمْسَةُ إِلَّا اَلتِّرْمِذِيَّ، وَصَحَّحَهُ ابْنُ خُزَيْمَة َ) މާނައީ: "އަބީ ޒައިދު އިބްނު އަރްޤަމް رضى الله عنهގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم (ހުކުރުދުވަހެއްގައި) ޢީދު ނަމާދުކުރެއްވިއެވެ. އަދި ހުކުރު ނަމާދަށް ލުއިދެއްވިއެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (ހުކުރު ނަމާދު) ކުރަން އެދޭ މީހާ އެ ނަމާދު ކުރާށެވެ!" މިއީ އިމާމު މީހާ ނޫން އެހެން މީހުންގެ ޙުކުމެވެ. މީސްތަކުންނައިގެން ޢީދު ނަމާދުކުރި އިމާމު ފިޔަވައި ހުކުރު ނަމާދު ކުރާނެ އެހެން އިމާމެއް ނެތްނަމަ އޭނާ ހުކުރު ނަމާދު ވެސް އިމާމުވެ ކުރަން ވާނެއެވެ. ޢީދު ނަމާދުގެ ޖަމާޢަތަށް ހާޒިރުނުވާ މުޤީމުން ގޮވައިގެން އިމާމުވެ ޢީދު ނަމާދުކުރުން އޭނާއަށް ލާޒިމުވެގެން ވެއެވެ. (މުޤީމުންނަކީ، ދަތުރުވެރިން ނޫން، ރަށުގައި ޤާއިމުވެ ތިބޭ މީހުންނެވެ.) ޢީދު ނަމާދާ ގުޅުންހުރި ބައެއް އެހެން ސުންނަތްތަކަށް ބަލާއިރު، ވިތުރި ޢަދަދަކަށް ކަދުރު ކައިގެން ޢީދު ނަމާދަށް ދިޔުމަކީ ސުންނަތެކެވެ. (ވިތުރި އަދަދަކީ 3، 5، 7، ...އެވެ.) ޢީދު ނަމާދަށް ދިޔުމަށްޓަކައި ހިނައިގަތުމާއި އަތުގައި އޮންނަ އެންމެ އައު ރީތި ހެދުމެއްލުމާއި މީރުވަސްދުވާ ހުވަނދުލުމީ ވެސް ސުންނަތް ޢަމަލުތަކެވެ. މިސްކިތައް އެއް މަގުން ގޮސްފައި އަނެއް މަގުން އައުމަކީ ސުންނަތް ކަމެކެވެ. މިހެންގޮސް އައުމުގައި ގިނަ މީހުންނާ ބައްދަލުވުން އެއީ އެކަމުގެ އެއް ޙިކުމަތެވެ. ހަމައެހެންމެ ޢީދު ދުވަހު ގިނަގިނައިން ސަލާމްކުރުމާއި ހަދިޔާ ބަދަލުކުރުމުގެ އިތުރަށް ޢީދުގެ އުފަލުގައި ކުޅިވަރު ކުޅުމާއި ކެއުންބުއިމުގެ ހަރަކާތްތައް އިޙްތިފާލުކުރުމީ ވެސް ސުންނަތް ކަންތައްތަކެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم މަދީނާއަށް ހިޖުރަކުރެއްވިއިރު، މަދީނާގެ އަހުލުވެރިން ކުޅެ އުޅުނު ދެ ދުވަހެއް އޮތެވެ. އެކަލޭގެފާނު ސުވާލު-ކުރެއްވިއެވެ. "މިއީ ކޮން ދެ ދުވަހެއް ހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ. "ޖާހިލިއްޔަ ޒަމާނުގައި ތިމަންމެން އެ ދެ ދުވަހު ކުޅެ އުޅުނީމެވެ." ދެން ފަހެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން އެއަށްވުރެ ހެޔޮ ދެ ދުވަހެއް، الله تعالى ވަނީ ތިޔަބައިމީހުންނަށް ދެއްވައިފިއެވެ. އެއީ ޢަޟްޙާގެ ދުވަހާއި ފިޠުރުގެ ދުވަހެވެ." (أبو داود) މިއިން ކޮންމެ ކަމެއް ކުރުމުގައި ވެސް އިސްލާމީ ހުދޫދުތަކުގެ ތެރޭގައި ތިބުން މުސްލިމުންނަށް ވާޖިބުވެގެންވެއެވެ. މާތް ﷲ ކަނޑައެޅުއްވި ޙުދޫދުތަކުން ބޭރުވެގެން ޢީދު ފާހަގަކުރުމަކީ އިސްލާމީ އަޚުލާޤުން ބޭރުވާނޭ ކަމެކެވެ. މުސްލިމުން ޢީދު ފާހަގަކުރާއިރު ﷲއަށް ކިޔަމަންތެރިވުމުގައި ދެމިތިބެން ވާނެއެވެ. އަދި މާތް ﷲ ކަނޑައެޅުއްވި އިންތައް ފަހަނައަޅައި ގޮސްގެން ނުވާނެއެވެ. ޢީދު ފާހަގަކުރުމުގެ ނަމުގައި ދެޖިންސު އެއްވެ ފާޙިޝް ޢަމަލުތަކަށް މަގުފަހިވާ ކަންކަން ކޮށްގެން ނުވާނެއެވެ. ޢީދުގެ ޙަފުލާތަކުގައި މިޔުޒިކު ހިމަނައިގެން ނުވާނެއެވެ. މާތް ﷲ ޙަރާމްކުރެއްވި ތަކެތި ކައިބޮއި ހަދައިގެން ވެސް ނުވާނެއެވެ. ޢީދުގެ އުފަލުގައި މުޖުތަމަޢުގެ އެންމެން ބައިވެރިކުރަންވާނެއެވެ. ޚާއްޞަކޮށް ފަޤީރުން ހަވާސާކޮށްފައި ޢީދު ފާހަގަކޮށްގެން ނުވާނެއެވެ. ފަޤީރުންނާއި މިސްކީނުންނާއި އެކިއެކި ހާއްޖަތްތަކަށް ބޭނުންޖެހިފައި ތިބޭ މީހުން ޢީދުގެ އުފަލުގައި ބައިވެރިކުރުމަށް ބާރުއެޅުއްވުމުގެ ގޮތުން ރަމަޟާން މަސް ނިމުމާއެކު، ދިނުން ފަރުޟުވެގެން ވާ އެއްޗެއްގެ ގޮތުގައި މާތް ﷲ ވަނީ ފިޠުރު ޒަކާތް ކަނޑައަޅުއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ