ފުވައްމުލަކުން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެއްޖެ

އޯވަލޯޑްވެގެން ފުވައްމުލަކުން ކަރަންޓް ކެނޑެމުންދާތީ މޭޔަރު އިސްމާއީލް ރަފީގް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެންބަރު މަހުގެ 4 ގައި ފުވައްމުލަކަށް ކުރެއްވި ދަތުރުގައި ނިމިދިޔަ ރޯދަމަސް ފެށުމުގެ ކުރިން އެ ސިޓީގައި އިތުރު އިންޖީނެއް ބަހައްޓައި ދެއްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.
އެކަމަކު އެކަންވެފައި ނެތްކަން މޭޔަރު ފާހަގަކުރެއްވި އެވެ.
އޭނަ ވިދާޅުވީ ފުވައްމުލަކަށް ކަރަންޓް ދޭން ބޭނުން ކުރަމުން އަންނަ އިންޖީނުތައް އޯވަލޯޑުވެގެން ކަރަންޓު ކެނޑެން ފެށުމުން ކައުންސިލުން ފެނަކަ ބްރާންޗްގެ އިސްވެރިންނާ ބައްދަލުކުރަން މިދިޔަ ބުރާސްފަތި ދުވަހު އެދުނު ކަމަށެވެ. އޭގެ ބޭނުމަކަށްވީ ކަރަންޓުގެ ހާލަތާ ގުޅޭ މައުލޫމާތު ހޯދައިދި އޯވަލޯޑުވުން ކުޑަކުރަން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުން ކަމަށް ރަފީގު ވިދާޅުވި އެވެ.
ނަމަވެސް ފެނަކަ ފުވައްމުލައް ބްރާންޗުން ބުނެފައި ވަނީ ބައްދަލު ކުރެވޭނީ މާލޭ އޮފީހުން އެކަމަށް ރުހުން ލިބިގެން ކަމަށް ބުނެފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
"މާލޭ އޮފީހުގެ ވެރިއަކަށް ކައުންސިލުން ގުޅުމުން ވިދާޅުވީ ކައުންސިލާ ބައްދަލު ކުރަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް. ރަށުން ކަރަންޓުކެނޑި ރައްޔިތުންނަށް އުނދަގުލާއި ގެއްލުންތައް ވަމުން ދިއުމަކީ އެފަދަ ހާލަތެއްކަމަށް ކައުންސިލުން ގަބޫލު ކުރޭ،" އޭނަ ވިދާޅުވި އެވެ. "ރަށުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކޮށް މައްސަލަތައް ހައްލު ކުރަން ކައުންސިލުން އަބަދުވެސް މަސައްކަތްކޮށް އެއްބާރުލުން ދޭނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ