އޭޖީ އޮފީހުގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓަށް "އޭ" ރިޕޯޓެއް
ބަންޑާރަ ނައިބުގެ އޮފީހުގެ 2024 ވަނަ އަހަރުގެ މާލީ ރިކޯޑުތަކާއި އެ އޮފީހުގެ ބަޖެޓުން ކުރި ޚަރަދުތައް ހުރީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ހާމަކޮށްފިއެވެ. އޮޑިޓް އޮފީހުން މިއަދު ނެރުނު ބަންޑާރަ ނައިބު އޮފީހުގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ, އެ އޮފީހުގެ މާލީ ބަޔާންތަކާއި ޕަބްލިކް އެކައުންޓިން ސިސްޓަމްގައި ހުރި ރިކޯޑުތަކުގައި އެއްވެސް އުނިއިތުރުކަމެއް ހުރިކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބަންޑާރަނައިބުގެ އޮފީހުގެ އެ އަހަރުގެ ބަޖެޓުން ޚަރަދުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ގޮތަށް ކަނޑައަޅާފައިވާ ކަންތައްތަކަށް، ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށެވެ. މި ޚަރަދުތައް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފައެވެ. މާލީ ހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރަށް ބަންޑާރަނައިބުގެ އޮފީހަށް ފާސްކޮށްފައިވަނީ 44,100,000 ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން އަހަރު ނިމުނުއިރު ޖުމުލަ ހަރަދު ކޮށްފައިވަނީ 34,827,419 ރުފިޔާއެވެ. މީގެ ތެރޭގައި މުވައްޒަފުންނަށް ހިނގި ޚަރަދުގެ ގޮތުގައި 19.3 މިލިއަން ރުފިޔާ އަދި އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި 10.2 މިލިއަން ރުފިޔާ ހިމެނެއެވެ. އޮޑިޓް ރިޕޯޓުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، އެ އޮފީހުގެ އެހެނިހެން މާލީ ކަންކަން ވެސް ހިންގާ ބަލަހައްޓާފައިވަނީ މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތަށެވެ. މިއީ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދައްކުވައިދީފައިވާ ފުރިހަމަ ނަމޫނާއެއްގެ ގޮތުގައި އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވެއެވެ. މި މާލީ ބަޔާންތަކަކީ އެއްވެސް އޮޅުވާލުމެއް ނެތި ޙަޤީގަތާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ބަޔާންތަކެއްކަމަށް ބަންޑާރަނައިބު އޮފީހުގެ މާލީ ޒިންމާދާރުވެރިޔާ، ޑިރެކްޓާ ޖެނެރަލް މުޙައްމަދު މިފްތާޙް ވަނީ އިޤުރާރުވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ