ދެ ފޯނު ޖައްސާލައިގެން ފައިލް ފޮނުވޭ އެންޑްރޮއިޑްގެ އާ ފީޗާއެއް
އެއް ފޯނު އަނެއްފޯނުގައި ޖައްސާލައިގެން ނުވަތަ ކައިރިކޮށްލައިގެން ފަސޭހަކަމާއެކު ފައިލްތަކާއި މައުލޫމާތު ހިއްސާކުރެވޭނެ އާ ފީޗާއެއް ގޫގުލް އިން އެންޑްރޮއިޑް ފޯނުތަކަށް ތައާރަފުކުރަން ތައްޔާރުވަމުންދާކަން ފަހުގެ ލީކުތަކުން ހާމަވެއްޖެއެވެ. "ޓެޕް ޓު ޝެއާ"ގެ ނަމުގައި ތައާރަފުކުރާ މި ފީޗާގެ ސަބަބުން، ކުރިން ބޭނުންކުރި މެނިއުތަކުގެ ބަދަލުގައި، ހަމައެކަނި ފޯނުތައް ކައިރިކޮށްލައިގެން ވަގުތުން ޑޭޓާ ބަދަލުކޮށްލެވޭނެއެވެ. އެންޑްރޮއިޑް އޮތޯރިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އާ ފީޗާ މެދުވެރިކޮށް ފޮޓޯ، ވީޑިއޯ، ކޮންޓެކްޓް، ލިންކު އަދި ލޮކޭޝަން ފަދަ ތަކެތި ސެކިއުރިޓީއާއެކު ހިއްސާކުރެވޭނެއެވެ. މި ފީޗާ ބޭނުންކުރުމަށްޓަކައި ދެ ފޯނުވެސް އޮންނަންވާނީ އަންލޮކްކޮށްފައި --- މި ފީޗާ ބޭނުންކުރުމަށްޓަކައި ދެ ފޯނުވެސް އޮންނަންވާނީ އަންލޮކްކޮށްފައެވެ. އަދި ދެ ފޯނުގެ މަތީބައި އެކަތި އަނެކެއްޗެއްގެ މައްޗަށް އަރާގޮތަށް (އޯވަލެޕް) ޖައްސާލުމުން، ފޯނުގެ ސްކްރީނަށް އަންނަ "ގްލޯ" އެނިމޭޝަނަކާއެކު ފައިލް ފޮނުވެން ފަށާނެއެވެ. މި ފީޗާ މަސައްކަތް ކުރަނީ އެންއެފްސީ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. އެކި ކުންފުނިތަކުގެ އެންޑްރޮއިޑް ފޯނުތަކުގައި އެންއެފްސީ ސެންސަރު ހުންނަ ތަން ތަފާތުވުމުގެ ސަބަބުން، ގޫގުލް އިން ލަފާދެނީ ދެ ފޯނުގެ ފަހަތް ޖައްސާލައިގެން ނުވަތަ މަތީބައި ކައިރިކޮށްގެން މިކަން ކުރުމަށެވެ. މިއީ އެޕަލްގެ އައިފޯނުތަކުގައި ބޭނުންކުރާ "އެއާޑްރޮޕް" އާ ދާދި އެއްގޮތް ފީޗާއެކެވެ. ބެލެވޭ ގޮތުގައި މި ފީޗާ ރަސްމީކޮށް އާންމުންނަށް ލިބޭނީ އަންނަ އަހަރު ނެރޭ "އެންޑްރޮއިޑް 17" އާ އެކުގައެވެ. ނަމަވެސް، މިހާރުވެސް ސެމްސަންގްގެ ވަން ޔޫއައި 8.5 ބޭނުންކުރާ ފޯނުތަކާއި ޕިކްސެލް 9 އަދި 10 ސީރީޒްގެ ފޯނުތަކުގައި މި ފީޗާގެ ބައެއް ބައިތައް ޓެސްޓު ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން، އޮޕޯ ފަދަ ކުންފުނިތަކުންވެސް މި ފީޗާ އެމީހުންގެ އާ ފޯނުތަކަށް ގެންނާނެކަން ވަނީ އިއުލާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ