ހިމަބިހި ވެކްސިންގެ ދެ ޑޯޒު ނުޖަހާ މީހުންނަށް ވެކްސިން ޖަހަން ފަށަނީ

ހިމަބިހީގެ ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް އެ ވެކްސިން އަލުން ޖަހަން ފަށަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ރާއްޖެއިން ނައްތާލާފައިވާ ހިމިބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރު ނާޝިޔާ އަބްދުލްގަފޫރު ވިދާޅުވީ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުކުރާ މީހުންނަށް، ވެކްސިން ޖަހަން ނިންމާފައިވާ ކަމަށެވެ.
ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ޖެހުމަށް އެ ވެކްސިން ރާއްޖޭން ބޭރުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ވެކްސިން ޖެހިކަން ކަށަވަރުވާނެ ލިޔުމެއް ނެތް ނަމަ، އަލުން ދެ ޑޯޒު ފުރިހަމަކުރުން ރައްކާތެރި ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޝިޔާ ވިދާޅުވީ ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ބަލީގެ ނުރައްކާތެރިކަން ބޮޑު ކަމަށާއި ވެކްސިން ޖެހުމުން ފުރާނައަށް ނުރައްކާވާ މިންވަރު ކުޑަކޮށްދޭ ކަމަށެވެ.
މިހާތަނަށް ހިމަބިހީގެ ޖުމުލަ ނުވަ ކޭސް ރިޕޯޓުކޮށްފައިވާ އިރު، މިވަގުތު ފަސް ކޭސްގެ އިންވެސްޓިގޭޝަން ކުރެވެމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
‏ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް، އަދި ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
‏ހިމަބިސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި، ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މި ބައްޔަކީ ނޭވާލާ ނިޒާމުގެ ތެރެއިން، ބަލިޖެހިފައިވާ މީހަކު ކެއްސައި ކިނބިހި އެޅުމުގެ ތެރެއިން ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. އަދި ހަށިގަނޑުން ބިހިތައް ފެނުމުގެ ހަތަރު ދުވަސް ކުރިންނާއި ބިހި ނަގާ ހަތަރު ދުވަސް ފަހުން ވެސް އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ