ވޯލްޑް ކަޕް 2026: ނޭމާ ވޯލްޑް ކަޕުގައި ކުޅޭނެކަން އަންޗެލޮޓީ ކަށަވަރުކޮށްދީފި

އަންނަ ޖޫން މަހުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބްރެޒިލްގެ ތަރި ނޭމާ ފެންނާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ. ޕެނަމާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންޗެލޮޓީ ވަނީ ނޭމާ ސްކޮޑުގައި ހިމެނޭނެކަން ކަށަވަރުކޮށްދީފައެވެ. އަންޗެލޮޓީ ހާމަކުރި ގޮތުގައި، ސްކޮޑު އިޢުލާނު ކުރުމުގެ ކުރިން ސަންތޯސް ކްލަބުން ވަނީ ނޭމާގެ ފައި ދުޅަވެފައިވާ ކަން އަންގާފައެވެ. ނަމަވެސް ކޯޗިން ސްޓާފުން ބޭނުންވީ އޭނާ ސްކޮޑުގައި ހިމެނުމަށެވެ. ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަން (ސީބީއެފް) އަށް މި މައްސަލަ އެނގުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. "އަހަރެމެން މިދަނީ އެކަން ވަރަށް ގާތުން ބަލަމުން. އަހަރެމެން ގަބޫލުކުރަނީ އޭނާ ވަރަށް އަވަހަށް ރަނގަޅުވާނެ ކަމަށް. އޭނާ މަސައްކަތް ކުރަނީ ވަރަށް ރަނގަޅަށް، އަދި ހުރީ ވަރަށް އުއްމީދީ ރޫހެއްގައި. ސާފުކޮށް ބުނާނަމަ، އޭނާ ރަނގަޅުވަންދެން އަހަރެމެންނާއެކު ހުންނާނެ. ޓީމުން ބާކީއެއް ނުކުރާނަން." އަންޗެލޮޓީ ބުންޏެވެ. އަންޗެލޮޓީ އިތުރަށް ބުނީ ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ނޭމާ ފިޓްވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ފުރަތަމަ މެޗަށް ތައްޔާރު ނުވެވުނު ނަމަވެސް، ދެވަނަ މެޗަށް އޭނާ ހުންނާނީ ފިޓްކޮށް ކަމަށް ކޯޗު ޔަގީންކަން ދިނެވެ. މީގެ އިތުރުން، ސަތޭކަ އިންސައްތަ ފިޓް ނޫން ކުޅުންތެރިންނާ ގުޅޭގޮތުން ކުރިން ދެއްކި ވާހަކަ އޮޅުންފިލުވައިދެމުން އޭނާ ބުނީ، މުބާރާތުގެ ތެރޭގައި ފިޓްވެދާނެ ކުޅުންތެރިއަކު ސްކޮޑަށް ނެގިދާނެ ކަމަށެވެ. ނަމަވެސް، އަނިޔާގެ ސަބަބުން މިލިޓާއޯ، ރޮޑްރީގޯ އަދި އެސްޓެވާއޯ އަށް ވޯލްޑް ކަޕްގައި ބައިވެރިނުވެވޭނެކަން އަންޗެލޮޓީ ވަނީ ކަށަވަރުކޮށްދީފައެވެ. މިއީ ބްރެޒިލް ޓީމަށް ލިބުނު ފޫބައްދަން އުނދަގޫވާނެ ބޮޑު ދެރައެކެވެ. މިހާރު އޮތް ޕްލޭނަކީ ޕެނަމާ އަދި އީޖިޕްޓާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި ނޭމާ ނުކުޅެ މަޑުކުރުމެވެ. އޭގެ ބަދަލުގައި އޭނާގެ އަމާޒަކީ އަންނަ ހޮނިހިރު ދުވަހު ނިއު ޖާޒީގައި މޮރޮކޯއާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ތައްޔާރުވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ