ކުރިއަށްއ އޮތް ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށާއި އަމިއްލަ ކެންޑިޑޭޓުން އީފާސް މެދުވެރިކޮށް ތާއީދު ފޯމު ފުރަން ޖެހޭތީ ހުށަހެޅި މައްސަލަ ބަލައިނުގަނެ ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލަ ހައި ކޯޓަށް ހުށަހެޅުއްވީ ޕީއެންއެފްގެ ފަރާތުން އެ ޕާޓީގެ ސެނެޓް މެންބަރު އަދި ގާނޫނީ ވަކީލު އާދަމް އާސިފް މިދިޔަ ބުދަ ދުވަހު އެވެ. އެކަމަކު އިންތިހާބަށް ކުރިމަތިލާން ހުޅުވާލާފައިވާ މުއްދަތު މިދިޔަ އާދިއްތަ ދުވަހަށް ހަަމަވިއިރު ވެސް އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.
ތަފްސީލް - އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައިވަނީ އިއްޔެ އެވެ. މައްސަލަ ބަލައިނުގަތް ސަބަބަކަށް ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވަނީ، އިންތިހާބަށް ކުރިމަތިލުމަށް ބޭނުންވާ ލިޔެކިއުންތަކާއި އިދާރީ ފީ އީފާސް މެދުވެރިކޮށް ދެއްކުމަށް ޝަރުތުކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް މައްސަލާގައި ބުނެފައިވާއިރު، ގާނޫނާ ހިލާފުވާ ގޮތް ގާނޫނީ އުސޫލުތަކުގެ އަލީގައި ބަޔާންކޮށްފައި ނުވާތީ ކަމަށެވެ.
މި މައްސަލާގައި އެދިފައި އޮތީ، އިންތިހާބަށް ކުރިމަތިލުމަށް ބޭނުންވާ ލިޔެކިއުންތަކާއި އިދާރީ ފީ ދެއްކުމުގެ އިތުރަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް 50 މީހުންގެ ތާއީދު އޮތްކަން ސާބިތުކޮށްދޭން، އީފާސް މެދުވެރިކޮށް ތާއީދު ފޯމު ފުރުމާއި ޖެހުމަކީ އިންތިހާބުތަކާ ބެހޭ އާންމު ގާާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އީސީން ހުޅުވާލާފައިވާއިރު، ކުރީގެ އިންތިހާބުތަކާ ހިލާފަށް މިފަހަރު އެ އިދާރާއަށް ގޮސްގެން ކަރުދާސް ފޯމު ހުށަހަޅާކަށް ނުޖެހެ އެވެ. މިފަހަރު އިންތިހާބަށް ކުރިމަތިލުމުގެ ކަންކަން ކުރަމުންދަނީ އީސީގައި ހުޅުވާފައިވާ ޕޯޓަލެއް މެދުވެރިކޮށް އީފާސްއިންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ހިންގަމުންދާ ޕީއެންސީގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހެޅީ، އީފާސްއަކީ ރާއްޖޭގައި އެންމެން ބޭނުންކުރާ އެއްޗަކަށް ނުވާއިރު، އީފާސް މެދުވެރިކޮށް އެކަން ކުރަން ލާޒިމުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ދެކިގެންނެވެ.
އިންތިހާބަށް ކުރިމަތިލާން އީފާސް ބޭނުންކުރުން ހުއްޓުވައިދިނުމަށް އެދި ހުށަހެޅި މައްސަލަ ބަލައެއް ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ