ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުންގެ ބޮލުގައި "ލާދީނީ" ޓެގު އަޅުވާތީ ކަންބޮޑުވުން ފާޅުކުރުމުން އެކަން ހުއްޓުވޭނެ ގޮތެެއް މިވަގުތު ނެތް ކަމަށް ރިޔާސަތުން އަންގައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދަނީ ޓެރަރިޒަމްގެ ގާނޫނަށް އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހުގެ ބަހުސެވެ. އެއީ މިސްކިތަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލެކެވެ.
އެ ބަހުސްގައި ވާހަކަ ދައްކަވަމުން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވަނީ އެމްޑީޕީއަކީ ދީނާ ދުރު ޕާޓީއެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
"އެމްޑީޕީއަކީ އަބަދުވެސް ލާދީނީ ފިކުރުގެ ބައެއް،" ފަލާހު ވިދާޅުވި އެވެ.
ބިލުގެ ބަހުސްގައި ފަލާހު މައިގަނޑުކޮށް ދެއްކުމަށް މަސައްކަތް ކުރެއްވީ އެމްޑީޕީ އިސްލާމް ދީނާ ދުރު ކަމެވެ.
އެއަށްފަހު އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު އަމީން އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އޭގެ ތެރެއިން ބައެއް ވާހަކަތަކަށް ރައްދު ދެއްވި އެވެ.
ބިލު ހުށަހެޅި މެންބަރު ކުޑޫ ވަނީ "ލާދިނީ" މީހުންގެ ގޮތުގައި ލޭބަލް ކުރުން ހުއްޓުވައިދިނުމަށް ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމްގެ އަރިހުން އެދިވަޑައިގެންފަ އެވެ.
"މިއީ އަނގަ ހައްދު ޖަހަން ޖެހޭ ދީނުން ބޭރުވާ ކަހަލަ ވާހަކަ އެކަކު އަނެކަކާ ދިމާލަށް ގޮވުން، ވަރަށް އިހުތިރާމާއެކު ދަންނަވަން އެކަން ހުއްޓުވައިދެއްވާށޭ، އަޅުގަނޑުމެން ވެސް ފެންނަ ތަންތަނުން ތި ބޭފުޅުން ވެސް ފެންނާނީ. އަޅުގަނޑުމެން ބޮލުގައި ކެނޑިނޭޅި ތި އިލްޒާމު އަޅުވާ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ލިބިދާނެ ގެއްލުމަކަށް ވެސް ތި ބޭފުޅުން ޒިންމާވާން ޖެހޭނެ،" ކުޑޫ ވިދާޅުވި އެވެ.
ރިޔާސަތުން ކުޑޫ އަށް ދެއްވި ޖަވާބުގައި އަބްދުއްރަހީމް ވިދާޅުވީ އެ ތުހުމަތުތައް ކުރަމުންދިޔަ ނަމަވެސް ހުއްޓުވޭނެ ގޮތެއް ނެތް ކަމަށެވެ.
"ލާދީނީ ކިޔާ ކިޔުން ހުއްޓުވަން މި ތަނުން ގާނޫނެއް ފާސްކޮށްފިއްޔާ ދެން އެކަން ހުއްޓުވިދާނެ. ދެން މިހާރު އޮތް ގޮތުން އަޅުގަނޑަކަށް ހުއްޓުވޭނެ ގޮތެއް ނެތް. އަޅުގަނޑު އެދެނީ އެއްވެސް ބޭފުޅަކު، ސައްތައިން ސައްތަ މުސްލިމް ގައުމެއް މިއީ، އަނެއް ބޭފުޅަކާ ދިމާލަށް އެފަދަ ބަހެއް ވިދާޅު ނުވާން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ދެވަނަ ފުރުސަތުގައި ވާހަކަ ކުރިއަށްގެންދަވަމުން ވެސް ފަލާހު ވަނީ ދިވެހި ރައްޔިތުންނަށް ވެސް ލާދީނީ ވާހަކަ ދައްކަނީ އެމްޑީޕީން ކަމަށް އެނގޭނެ ކަމަށް ވިދާޅުވެފަ އެވެ. އެމްޑީޕީން ދައްކާފައި ހުރި ލާދީނީ ވާހަކަ ނުފޮރުވޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
އޭނާގެ ވާހަކަތަކަށް ރައްދު ދެއްވަމުން އެމްޑީޕީ ޕީޖީގެ ޑެޕިއުޓީ ލީޑަރު ފިއްޓޭ ވަނީ ބިލުގައި ވަކި މީހަކު މޮޅު ވާހަކައެއް ނުވަތަ ދަށް ވާހަކައެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ރިޔާސަތުން އެ ކަން ނުހުއްޓުވުމުން ވެސް ފިއްޓޭ ނުރުހުން ފާޅުކުރެއްވި އެވެ.
"އެއްވެސް މުސްލިމަކަށް އަނެއް މީހާއާ ދިމާލަށް ތިއީ ލާދީނީ މީހެކޭ ބުނުމުގެ ހައްގެއް ނޯންނާނެ. އެއީ އެކަން އޮތް ގޮތް. މަޖިލީހުގެ ގަވާއިދުގައި އިސްލާމް ދީނުގެ އަސްލަކާ ހިލާފު އެއްވެސް ވާހަކައެއް ދެއްކޭކަށް ނޯވޭ، އެއީ ކުރެވޭނެ ކަމެއް ނޫން،" ފިއްޓޭ ވިދާޅުވި އެވެ.
މި ރާއްޖެއަށް އިސްލާމް ދީން އައީ މިފަހަކުން ނޫން ކަމަށާއި މިހާރު ވެސް އޮތީ ކުރިން ވެސް އޮތް އިސްލާމް ދީން ކަމަށް ފިއްޓޭ ވިދާޅުވި އެވެ. އަދި ތާ އަބަދަށް ރާއްޖޭގައި އިސްލާމް ދީން ދެމިއޮންނާނެ ކަމަށް ފިއްޓޭ ވިދާޅުވި އެވެ.
"ތިހެން ނުދެންނެވޭނެ ރައީސް މުއިއްޒު ނެތް ދުނިޔެއެއްގައި އިސްލާމް ދީން ނޯންނާނެ ކަމަށް. އެހެނެއް ނޫން އެކަން އޮތީ. އަރާ އެންމެންނަކީ ލާދީނީ މީހުން ކަމަށް ނިންމުމުގެ ޖާގައެއް ޕީއެންސީ ޕީޖީ ލީޑަރަކަށް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
އެ ބަހުސްގައި ވާހަކަ ދެއްކެވި އެހެން ބައެއް މެންބަރުން ވެސް ވަނީ އެއް ބަޔަކު އަނެއް ބަޔަކަށް "ލާދީނީ" ގޮވުމަކީ ރަނގަޅު ގޮތެއް ނޫންކަން ފާހަގަކުރައްވާފަ އެވެ.
"ލާދީނީ" ޓެގު އަޅުވާތީ އެމްޑީޕީ މެންބަރުންގެ ކަންބޮޑުވުން، ރިޔާސަތުން ވިދާޅުވީ ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް "ލާދީނީ" ޓެގު އަޅުވާތީ އެމްޑީޕީ މެންބަރުންގެ ކަންބޮޑުވުން، ރިޔާސަތުން ވިދާޅުވީ ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ