ލުބުނާނުގައި އިސްރާއީލު ސިފައިންގެ 4 މީހުން މަރާލައިފި
ދެކުނު ލުބްނާން (31 މާޗް 2026) : ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލު ސިފައިން އެއްވެފައިވާ ތަނަކަށް ރޮކެޓުން ހަމަލާދީ އިސްރާއީލު ސިފައިންގެ ހަތަރު މީހުން މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލައިފިއެވެ. މަރާލި ސިފައިންގެ ތެރޭގައި އިސްރާއީލު ސިފައިންގެ އިސް އޮފިސަރަކުވެސް ހިމެނެއެވެ. މި ހަތަރު ސިފައިން މަރާލިކަމަށް އިސްރާއީލުވެސް ވަނީ އެއްބަސްވެފައެވެ. ހިޒްބުﷲ އާއި ޔަހޫދީ ލަޝްކަރުތަކާ ދެމެދު ހަނގުރާމަ ހިނގަމުންދަނީ ލުބްނާނުގެ ދެކުނުގައި ލީތާނީ ކޯރުގެ ކައިރީގައިވާ ފަރުބަދަތަކުގެ ތެރޭގައެވެ. އިސްރާއީލު ސިފައިން މަސައްކަތްކުރަނީ ލީތާނީ ކޯރުގެ ދެކުނުގައިވާ ލުބްނާނުގެ ބިންތައް އަތްދަށުލައި އެއީ އިސްރާއީލުގެ ބަފަޒޯނެއްގެ ގޮތުގައި ހެދުމަށެވެ. ހިޒްބުﷲ ގެ މުޖާހިދުން ޖިހާދު ކުރަނީ ޔަހޫދީ ލަޝްކަރުތަކަށް މިމަގްސަދު ހާސިލްވިޔަ ނުދިނުމަށެވެ. އެއްގަމު މަގުން ކުރާ މި ހަނގުރާމައިން ޔަހޫދީ ލަޝްކަރުތަކަށް އެއްވެސް ވަރަކަށް ކުރިއެރުމެއް ނުލިބެއެވެ. ނަމަވެސް ޔަހޫދީ ލަޝްކަރުތަކުން ގެންދަނީ ދެކުނު ލުބްނާނަށާއި ލުބްނާނުގެ ވެރިރަށް ބައިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތައްދީ އާންމުން ޝަހީދުކޮށް މީހުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކަށް ހަމަލާތައް ދެމުންނެވެ. ރައްދުގައި ހިޒްބުﷲ ގެންދަނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށާއި އިސްރާއީލުގެ އުތުރުގެ ޖަލީލް ސަރަހައްދަށާއި އިސްރާއީލުގެ ދެވަނަ ސިޓީކަމަށްވާ ހައިފާއަށް ޑްރޯންއާއި މިސައިލް އަދި ރޮކެޓުން ހުއްޓުމެއްނެތި ހަމަލާތައް ދެމުންނެވެ. ނަތީޖާއެއްގެ ގޮތުން ޖަލީލް ސަރަހައްދުގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިންގެ އެތައް ހާސް ބައެއްގެ ގެދޮރު ގެއްލި އެ މީހުން ވަނީ ރެފިއުޖީންނަށް ވެފައެވެ. ހިޒްބުﷲ ގެ ހަމަލާތައް އެރުމުގެ ސަބަބުން ޓެލްއަވީވާއި ހައިފާގެ އެތައް އަވަށެއް ވަނީ ހަލާކުވެފައެވެ. އަދި ހިޒްބުﷲގެ ހަމަލާތަކުގައި ޔަހޫދީ ސިފައިންގެ އެތައް ސަތޭކަ ބަޔަކުވަނީ ޒަޚަމްވެފައެވެ. ޣައްޒާގެ ދިފާއުގައި 2023 ވަނައަހަރު ހިޒްބުﷲ އިން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ފެށިއެވެ. ނަމަވެސް އިސްރާއީލުން 2024 ވަނަ އަހަރު ހިޒްބުﷲ ގެ މުޖާހިދުންގެ ޕޭޖަރުތައް ގޮއްވާލައިގެން ދިން ވަރުގަދަ ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ސަބަބުންނާ އަދި އެ ޖަމާއަތުގެ ވެރިޔާ ސައްޔިދު ހަސަން ނަސްރުﷲ ޝަހީދުކޮށްލުމާ ގުޅިގެން ހިޒްބުﷲ އޮތީ ދޮޅުއަހަރުވަންދެން ހަނގުރާމައާ ދުރުގައެވެ. އެއީ ބައިނަލްއަގްވާމީ ފަރާތްތައް މެދުވެރިވެގެން ގާއިމްކުރި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް މި އެއްބަސްވުމަށް އިހުތިރާމް ނުކޮށް ފާއިތުވި ދޮޅުއަހަރެއްހާ ދުވަހު އިސްރާއީލު ގެންދިޔައީ ކެނޑިނޭޅި ލުބްނާނަށް ހަމަލާތައް ދީ މީހުން މަރައި ތަންތަން ހަލާކުކުރަމުންނެވެ. ނަމަވެސް ރައްދުގައި ހިޒްބުﷲ އިން އެއްވެސް ހަމަލާއެއް އިސްރާއީލަށް ނުދެއެވެ. މިކަމުގެ ސަބަބުން އިސްރާއީލަށް ހީވެފައި އޮތީ ހިޒްބުﷲ ބަލިކަށިވެ އެ ޖަމާއަތުގެ ދުވަސް ދިޔައީ ކަމުގައެވެ. ހިޒްބުﷲ އިސްރާއީލުގެ އުދުވާނީ ހަމަލާތަކަށް ރައްދު ދޭންފެށީ އިސްރާއީލާއި އެމެރިކާ ގުޅިގެން މިދިޔަ މަހުގެ 28 ވަނަ ދުވަހު އީރާން އާ ދެކޮޅަށް އުދުވާނީ ހަނގުރާމަ ފެށިތާ ތިން ދުވަސް ފަހުންނެވެ. ހިޒްބުﷲ ބުނާގޮތުން ހަމަލާތައް ފެށީ ލުބްނާނުގެ ދެކުނުގެ ބައެއް ހިފައި އެތަން އިސްރާއީލުގެ ބަފަޒޯނެއްގެ ގޮތުގައި ހެދުމުގެ ޕްލޭނެއް ތަންފީޒުކުރަން އިސްރާއީލު ތައްޔާރުވުމުންނެވެ. މި މަހުގެ ދެވަނަ ދުވަހު ހިޒްބުﷲއިން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ފެށީ ކުރިއަށްވުރެ މާ ވަރުގަދަކޮށެވެ. މިކަމުގެ ސަބަބުން އިސްރާއީލުގެ ސިފައިންނަށް ވަނީ ކުއްލި ޝޮކެއް ލިބިފައެވެ. އެއީ ހިޒްބުﷲގެ ހަމަލާތައް އާދަޔާ ޚިލާފަށް ވަރުގަދަވެފައި އެ ހަމަލާތަކުގެ ގެއްލުންތައް އިސްރާއީލަށް ލިބޭ މިންވަރު އާދަޔާ ޚިލާފަށް ބޮޑުކަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ