ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް ޝަފީއު

ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް  ފަނޑިޔާރު ހަސަން ޝަފީއު އެ ކޯޓުން މިއަދު އިންތިހާބުކޮށްފި އެވެ.
ވީ ކިހިނެއް؟ - ޖޭއެސްސީސީގައި ހައި ކޯޓުގެ ފަނޑިޔާރަށް ހާއްސަ ސްލޮޓް ހުސްވީ އެ މަގާމުގައި ހުންނެވި އެ ކޯޓުގެ އޭރުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ހިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
އެއާ އެކު، އެ މަގާމަށް ހަސަން ޝަފީއު އިންތިހާބު ކުރިކަން، ހައި ކޯޓުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފަ އެވެ.
އެނގުން މުހިންމު - ގާނޫނުއަސާސީގައިވާ ގޮތުން ޖޭއެސްސީ އެކުލެވިގެން ވަނީ 10 މެންބަރުންގެ މައްޗަށެވެ. މިހާރު އެ ކޮމިޝަންގައި ތިއްބެވި މެންބަރުންނަކީ: 
ރައްޔިތުންގެ މަޖިލީހުގެ ރައީސް - އަބްދުއްރަހީމް އަބްދުﷲ 
ސުޕްރީމް ކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން - ހުސައިން ޝަހީދު
ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ފަނޑިޔާރުގެ ތެރެއިން - ހަސަން ޝަފީއު
ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން - ފަރުހާދު ރަޝީދު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރު - މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކް (ކޮމިޝަންގެ ރައީސް) 
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް - މުހައްމަދު މުޖުތާޒު ފަހުމީ
ރައީސް އައްޔަން ކުރައްވާ މެންބަރު - މުހައްމަދު ޔަޒުމީދުު 
ބަންޑާރަނައިބު - އަހްމަދު އުޝާމް 
ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރު - އަލީ އަބްދުއްލަތީފް
އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު - އިދުރީސް ފައުޒީ
ގުޅުން ހުރި - ފަނޑިޔާރު ނިޔާޒު ރިޓަޔާ ކުރެއްވުމުގެ ކުރިން އޭނާ ވަނީ ކުއްލި ގޮތަކަށް މިދިޔަ އޮގަސްޓު މަހު ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ. އެއާ އެކު، އެ ކޮމިޝަންގެ ނައިބަށް މިހާރު ހަމަޖައްސާފައިވަނީ ރައީސް މުހައްމަދު މުއިއްޒުގެ މެންބަރު ޔަޒްމީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ