ނޯތު ހާބަރުގެ ކިއު އުސޫލަށް ބަދަލެއް: ފަސް ދުވަހުގެ "ހޯލްޑް" އުވާލައިފި

މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުން އިތުރަށް ހަރުދަނާކޮށް، ހިދުމަތް ހޯދާ މީހުންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކިއު އުސޫލަށް ބަދަލުތަކެއް ގެނައުމަށް އެމްޕީއެލް އިން މިއަދު ނިންމައިފި އެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ އެއް ބަދަލަކީ މީގެ ކުރިން އަމަލުކުރަމުން އައި ފަސް ދުވަހުގެ "ހޯލްޑް" އުސޫލު އުވާލުން ކަމަށެވެ.
މީގެ ކުރިން "އޭ" ޒޯން އަދި "ސީ" ޒޯންގެ ކިއުއަށް ނޯޓުކޮށްފައިވާ އުޅަނދުފަހަރު ފަސް ދުވަހުގެ މުއްދަތަށް ކިއު އިން ކެންސަލް ނުވާ ގޮތަށް ހޯލްޑް ކުރެވެ އެވެ.
އެގޮތަށް މިހާތަނަށް އަމަލުކުރަމުން އައިސް މިހާރު އެކަން އެއްކޮށް އުވާލާފައިވާ ނަމަވެސް ކުރިން ވެސް އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތަށް އުޅަނދުފަހަރު "ޕޯސްޓްޕޯން" ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.
އަނެއް މުހިންމު ބަދަލަކީ އެއް އުޅަނދަކަށް އެއްފަހަރާ އެއް ކިއު އަށް ވުރެ ގިނަ ކިއުތަކުގައި ނޯޓު ނުކުރެވޭ ގޮތަށް ހަމަޖެއްސުމެވެ.
އެގޮތުން އުޅަނދެއް "އޭ" ޒޯން، އެކްސްޕްރެސް ޒޯން ނުވަތަ "ސީ" ޒޯން ކިއުގައި ނޯޓުކުރަން ބޭނުން ނަމަ ނޯޓު ކުރެވޭނީ އެ އުޅަނދަކުން އިހުތިޔާރުކުރާ ކޮންމެ ވެސް އެއް ކިއުއެއްގައި އެކަނި ކަމަށް އެމްޕީއެލް އިން ބުންޏެވެ.
އެ އުސޫލުގެ ދަށުން "އެއް ދަތުރު" ކަމަށް ބަލާނީ، ނޯތު ހާބަރުގެ ކިއުތަކުން ޖާގަ ދީ، ކީވޯލަށް އުޅަނދު ކައިރިކޮށް މުދާ އަރުވައި ނިމި، ކީވޯލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ފަހު ފުރުމުންނެވެ. އެހެންކަމުން އެއް ދަތުރެއްގެ ތެރޭގައި އެއްފަހަރާ ގިނަ ކިއުތަކެއްގައި ނޯޓުކުރުމުގެ ފުރުސަތު މީގެ ފަހުން ނުލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އަންނަ އަންގާރަ ދުވަހުން ފެށިގެން އަމަލުކުރަން ނިންމާފައިވާ ބަދަލުތައް ގެނައި ސަބަބެއް ކަމަށް އެމްޕީއެލް އިން ބުނީ ނޯތު ހާބަރުގެ ހިދުމަތް ހޯދާ އޮޑިވެރިންގެ ހިޔާލާއި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އުޅަނދުފަހަރަށް ވީހާ ވެސް ފަސޭހަ އަދި އަވަސް ނިޒާމެއްގެ ތެރެއިން ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.
ކުރިއަށް އޮތްތަނުގައި ވެސް އޮޑިވެރިންގެ ހިޔާލާއެކު، ބަދަލުތައް ގެނެސް، ދޭ ހިދުމަތް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ